އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 އަނެއްކާ ވެސް އިތުރުވާން ފަށައި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އިންޑިއާގެ މަހަރަސްތްރަގައި އިއްޔެ އެކަނި ވެސް 1،152 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި މިބަލީގައި ހަތަރު މީހަކު އިއްޔެ ވަނީ މަރުވެފައެވެ. އަދި ބުރާސްފަތި ދުވަހު 1،086 މީހަކު މިބައްޔަށް ފައްސިވެފައިވާއިރު، އެކަކު ވަނީ މަރުވެފައެވެ.

މިއާއި އެކީ މަހަރަސްތްރައިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 8،154،529 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 148،475 އަށް އަރާފައެވެ.

މަހަރަސްތްރަގެ އިތުރުން އިއްޔެ ތާނޭ އިން 83، ނަގްޕޫރުން 79، ޕޫނޭއިން 74 އަދި ނަވީ މުމްބާއީން 66 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ.

އިންޑިއާއިން މިހާތަނަށް 44,797,269 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 531،064 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 44,216,583 މީހަކު ވަނީ ރަނގަޅުވެފައެވެ.

އިންޑިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ފައްސިވެފައިވަނީ 2021 ވަނަ އަހަރުގެ މޭއި މަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 414،433 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އެންމެ ގިނަ މީހަކު މަރުވެފައިވަނީ އެއަހަރުގެ މޭއި މަހުގެ 23 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 5،107 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު