ޗައިނާގެ ވެރިރަށް ބެއިޖިންގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މަރުވި މީހުންގެ އަދަދު 29 އަށް އަރައިފިއެވެ. މިއަދަދު އަދިވެސް އިތުރުވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލުގައި އަލިފާން ރޯވުމުން މީހުން ސަލާމަތްވުމަށް ފާރުތަކުން ފައިބައިގެން ދިއުމަށް ބެޑްޝީޓް ބޭނުންކުރެއެވެ. ސަލާމަތްވާން އުޅުމުގެ ތެރޭގައިވެސް ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކު ފިހި ސީރިޔަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

އިއްޔެ ހިނގާދިޔަ މިހާދިސާއަކީ ޗައިނާގެ ވެރިރަށުގައި ފާއިތުވި ވިހި އަހަރު ދުވަހުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާގައި މަރުވި މީހުުންގެ ތެރެއިން 3 މީހުން ފިޔަވައި އެހެން މީހުންނަކީ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ ބަލި މީހުން ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

އޮފިޝަލުން ބޭއްވި މީޑިއާ ބްރީފިންގައި ބުނެފައިވަނީ އަލިފާންގަނޑު ނިއްވާލުމަށް ބައިގަޑިއިރު ހޭދަވި ކަމަށާއި މިހާދިސާގައި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އަނިޔާ ލިބިފައިވަނީ ކިތައް މީހުންނަށް ކަމެއް އަދި ސާފުނުވާ ކަމަށެވެ.

އަނިޔާވި މީހުންގެ ތެރެއިން 18 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ 2002 ވަނަ އަހަރު އިންޓަނެޓް ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 25 މީހުން މަރުވި ހާދިސާއަށްފަހު ބެއިޖިންގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

ކަމާބެހޭ ފަރާތްތަކުން ދަނީ މިހާދިސާ ތަހުގީގުކުރަމުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ. މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު އަލިފާން ރޯވީ ހޮސްޕިޓަލް މަރާމާތު ކުރަން ބޭނުން ކުރި އަލިފާން ފަސޭހައިން ރޯވާ ޒާތުގެ އެއްޗެހިތަކެއްގައި އަލިފާން ރޯވެގެން ކަމަށް ލަފާކުރެވޭ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު