އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވިކަމަށް ބުނެ އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީއަށް ދެ އަހަރުގެ ޖަލުގެ ހުކުމެއް ކުރުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކޯޓުން ބަލައެއް ނުގަތެވެ.

ރާހުލް ގާންދީގެ ޖަލު ހުކުމްގެ އިސްތިއުނާފް ހުށަހެޅީ އިންޑިއާގެ ގުޖުރާތުގެ ކޯޓަކަށެވެ. ކޯޓުން އެ މައްސަލަ ބަލައިނުގަތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ރާހުލް ގާންދީގެ މައްޗަށް ކުރެވުނު ޖަލު ހުކުމާއި ގުޅިގެން އޭނާ ވަނީ ކޮންގްރެސްގެ ލީޑަރުކަމުން ވަކިކޮށްފައެވެ.

ރާހުލްއަށް ގުޖުރާތުގެ ކޯޓުން އެ ހުކުމް އިއްވީ 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕޭނެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެގޮތުން ގިނަ ވަގުންތަކަކަށް މޯދީ ކިޔަނީ ކިއްވެގެންތޯ ރާހުލް އޭރު ސުވާލު ކުރެއްވިއެވެ. އޭގެ ތެރޭގައި ނިރަވް މޯދީއާއި ލަލިތު މޯދީ އަދި ނަރެންދުރަ މޯދީގެ ނަން ރާހުލް ގެންނެވިއެވެ.

ނިރަވްއަކީ އިންޑިއާއިން ފިލައިގެން އުޅޭ ޖަވާހިރުގެ ވިޔަފާރި ކުރާ މަހުޖަނެކެވެ. އަދި ލަލިތަކީ އިންޑިއަން ޕްރިމިއާ ލީގްގެ ކުރީގެ ޗީޕްއެވެ. ނަމަވެސް ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ވަނީ އުމުރަށް ސަސްޕެންޑްކޮށްފައެވެ.

ރާހުލްއަށް އިއްވި ހުކުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލުންނާއި އަދި ނޫސްވެރިން ވެސް ހިމެނެއެވެ. އަދި ވަކި މީހަކަށް ސީދާ އަމާޒު ނުކޮށް ރާހުލް ދެއްކެވި ވާހަކަތައް ދައްކައިގެން ޖަލަށް ނުލެވޭނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެެވެ.

ކިޔުންތެރިންގެ ހިޔާލު