11 މުސްލިމަކު މަރާލުމުގެ ކުށް ސާބިތުވެގެން ޖަލަށް ލާފައިވާ އިންޑިއާގެ 69 މީހަކު އެގައުމުގެ ކޯޓަކުން މިނިވަން ކޮށްފިއެވެ. މިނިވަން ކުރި މީހުންނަކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ މެންބަރުންނެވެ.

އެމީހުންނަކީ 2002 ވަނަ އަހަރު ގުޖުރާތުގައި މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގައި މުސްލިމުން މަރާލުމުގެ ކުށުގައި ދައުވާ އުފުލާފައިވާ މީހުންނެވެ. އެމައްސަލައިގައި 86 ހިންދޫއެއްގެ މައްޗަށް ދައުވާ އުފުލިއެވެ. ނަމަވެސް މިހާތަނަށް 17 މީހަކު ވަނީ މަރުވެފައެވެ. އެމީހުން މަރުވީ އެކިދުވަސް މަތިން ސިއްހީ އެކި މައްސަލަތަކުގައެވެ.

ދައުވާ ލިބޭ އެހެން އެންމެން ކަފާލާތުގެ ދަށުން ދޫކޮށްލަން އިއްޔެ އިންޑިއާގެ ކޯޓަކުން ވަނީ ނިންމާފައެވެ. އެމީހުން ދޫކޮށްލީ އޭގެ ތެރެއިން ގިނަ މީހުންނަކީ ފްރޭމް ކޮޮށްފައި ތިބި މީހުން ކަމަށް އެމީހުން ބުނާ ބުނުމަށް ބާރުލިބޭ ހެކިތައް ހުރުމުން ކަމަށް ކޯޓުން ބުނެއެވެ. ދޫކޮށްލި މީހުންގެ ވަކީލުން ބުނާ ގޮތުގައި ދައުވާ އުފުލާފައިވާ ގިނަ މީހުންނަކީ ހަމަނުޖެހުން ހިންގި އިރު އެތަނުގައި ތިބި ބައެއް ވެސް ނޫނެވެ.

މިނިވަން ކުރި މީހުންގެ ތެރޭގައި ގުޖުރާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމަށް އެ ސްޓޭޓްގެ ސަރުކާރުގެ ވްމެން އެންޑް ޗައިލްޑް ޑިވެލޮޕްމެންޓް ވަޒީރުގެ މަގާމު ފުރި މަޔާ ކޮޑަނަނީ ވެސް ހިމެނެއެވެ. އޭނާ އަކީ ބީޖޭޕީގެ ނުފޫޒުގަދަ މެންބަރެކެވެ.

ހިންދޫގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2002 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުސްލިމުންނާއި ހިންދޫންނާއި މެދު ހިންގި ހަމަނުޖެހުންތަކުގައި މުސްލިމުންތަކެއް މަރާލި މައްސަލައިގައެވެ. އެ ހަމަނުޖެހުންތަކަކީ އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގައި ހިންގި މިފަދަ އެންމެ ނުރައްކާތެރި ހަމަނުޖެހުމެވެ.

އޭރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުރީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާއި ދެކޮޅަށް ހަމަނުޖެހުން ހިންގުމުގެ ފަހަތުގައި މޯދީގެ ބައިވެރިވުން އޮތް ކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

2014 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ކަމަށް މޯދީ ވަޑައިގެންނެވި ފަހުން މުސްލިމުންނާއި ދެކޮޅަށް ހިންދޫން ހިންގާ ޖަރީމާތައް ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ ހަމަނުޖެހުންތައް ހިންގާ ހިންދޫންނާއި ދެކޮޅަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުދި މުދި

    ކޯޓުން ދޫކުރެވިދާނެ އެކަމަކު އެއިންމީހަކު މަރައް ހާޒިރުކުރެވޭ ހިނދު ކޯޓަކައްނުހުއްޓުވޭ