މިދިޔަ ހޮނިހިރު ދުވަހު ސޫދާންގައި ފެށި ދާހިލީ ހަނގުރާމައާ ގުޅިގެން މިހާތަނަށް 400 އަށްވުރެ މީހުން މަރުވެ، 3500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އދ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ތަރުޖަމާން މާގަރެޓް ހެރެސް ވިދާޅުވެފައި ވަނީ ސޫދާންގެ ސަރުކާރުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަނގުރާމައިގައި މިހާތަނަށް 413 މީހަކު ވަނީ މަރުވެފަ އެވެ. އަދި 3،551 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ހަނގުރާމައިގައި ސިއްހީ ހިދުމަތްދެމުންދާ 11 ތަނަކަށް ހަމަލާ ދީފައިވާ ކަމަށް މާގަރެޓް ވިދާޅުވި އެވެ.

ސޫދާންގެ ސިއްހީ ވުޒާރާއާއި ހަވާލާދީ މާގަރެޓް ވިދާޅުވެފައިވަނީ ހަނގުރާމައާއި ގުޅިގެން 20 ހެލްތް ފެސިލިޓީއަކުން ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ބޮން އަޅާފާނެ ކަމުގެ ބިރަށް 12 ތަނެއް ބަންދު ކުރުމުގެ ބިރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޝާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކުޑަކުދިންނަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ހަނގުރާމައިގައި ސޫދާންގައި ނުވަ ކުޑަކުއްޖަކު މަރުވެފައިވެއެވެ. އަދި 50 ކުދިން ޒަހަމްވެފައި ވެއެވެ.

އެފްރިކާގެ ތިން ވަނަ އަށް އެންމެ ބޮޑު ގައުމު ކަމަށްވާ ސޫދާންގައި ހަނގުރާމަ ފެށުނީ ސޫދާންގެ އަސްކަރިއްޔާގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ސިފައިން، ވެރިރަށް ޚުރުތޫމަށް އަރައި ބައެއް ތަންތަނަށް ހަމަލާދީ ހިފަން އުޅުމުންނެވެ.

މިއާއެކު އާރުއެސްއެފް އާއި ސޫދާންގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.