ސިންގަޕޫރްއަށް އެއް ކިލޯގެ ކެނަބިސް އެތެރެ ކުރަން އުޅުނު ކަމުގެ ކުށް ސާބިތުވި ގައިދީއަކު މަރުގެ އަދަބު ދީފިއެވެ.

އެ މީހާއަށް މަރުގެ އަދަބު ދީފައި މިވަނީ އދ.ގެ ހިއުމަން ރައިޓްސް އޮފީހުން ސިންގަޕޫރަށް މަރުގެ އަދަބު ދިނުމާ މެދު "އަވަސް ގޮތެއްގައި އަލުން ވިސްނުމަށް" އެދިފައިވަނިކޮށެވެ.

ދަން ޖައްސައިގެން މަރާލާފައި ވަނީ ސިންގަޕޫރަށް ނިސްބަތްވާ ޓަންގަރާޖޫ ސުއްޕިއާ، 46އ އެވެ.

ސިންގަޕޫރު ޕްރިޒަންސް ސާވިސްގެ ތަރުޖަމާނަކު އޭއެފްޕީއަށް ވިދާޅުވީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ޗަންގީ ޕްރިޒަން ކޮމްޕްލެކްސްގައި ކަމަށެވެ.

އޭނާ މައްޗަށް ވަނީ 2017 ވަނަ އަހަރު 1،017.9 ގްރާމްގެ ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައެވެ.

ސިންގަޕޫރުގައި މިފަދަ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވަން ޖެހޭ އެންމެ ކުޑަ މިންވަރު ކަނޑައަޅައިފައި ވެއެވެ. އޭނާގެ މައްސަލައަކީ އެ މިންވަރަށް ދެގުނަ އިތުރު މައްސަލައެއް ކަމަށް ވެއެވެ.

އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ 2018 ވަނަ އަހަރެެވެ. އިސްތިއުނާފު ކޯޓުން ވަނީ އެ ނިންމުން ދަމަހައްޓައިފައެވެ.

ޖެނީވާގެ ގްލޯބަލް ކޮމިޝަން އޮން ޑްރަގް ޕޮލިސީގެ މެމްބަރެއް ކަމަށްވާ ބްރޭންސަން އޭނާގެ ބްލޮގްގައި ހޯމަ ދުވަހު ލިޔެފައިވާ ގޮތުގައި، ޓަންގާރާޖޫ ހައްޔަރުކުރި އޭނާ "ކައިރީގައި އެއްވެސް ތަނެއްގައި ނެތް" މަސްތުވާތަކެތި ކަމަށާއި ސިންގަޕޫރުން ކުށެއް ނެތް މީހަކު މަރާލަން އުޅޭ ކަމަށް ބެލެވެވެ.

ނަމަވެސް ސިންގަޕޫރުގެ ހޯމް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓަގަރާޖުގެ ކުށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީން ބުނީ މަސްތުވާތަކެތި ޑެލިވަރީ ކުރުމުގެ ކަންކަން ކޯޑިނޭޓް ކުރުމަށް އޭނާ ދެ މޯބައިލް ފޯނު ނަމްބަރު ބޭނުންކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމިއްޔާ

    ހުކުމަށް ތާއީދު.
    އދ އޭ ހިއުމަން ރައިޓްސް އޭ ކިޔައިގެން ކާފަރުން އުޅެނީ މިދުނިޔެ ފަސާދަކުރަން. މަސްތުވާ ތަކެއްޗަކީ ކާފަރުންގެ ވިޔަފާރި. ﷲ ހަރާމްކުރެއްވި ވިޔަފާރިތަކަކީ މުސްލިމުން ކުރަންޖެހޭ ވިޔަފާރިއެއް ނޫން. މިނުބައި ފަސާދަ ހުއްޓުވައި މިބިން އަމާން ކުރެވޭނީ ފަސާދަކުރާ މީހުން މަރައިގެން.

    28
    1
  2. ލަޠީފް

    މިފަދަ ބޮޑެތި ޖަރީމާތައް ހިންގާ ކުށް ސާބިތުވާ ފަރާތްތަކަށް ޙައްޤުވެގެންވާ އަދަބު ދޭން ޖެހެއެވެ. އެއީ އެންމެންގެ ރައްކަލަކަށްޓަކައެވެ. ސިންގަޕޯރ އަކީ މިފަދަ ކަންކަމުގައި ލާމަސީލް މިސާލުދައްކާ ޤައުމެކެވެ. އަހަރެމެން އިސްލާމް ޤައުމެއްގައި މިފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކަށް އެފަދަ އަދަބުތައް ނުދިނުމުގެ ނަތީޖާ މިފެންނަނީ އެވެ. މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭނަމަ މި ރާއްޖެވެސް ސަލާމަތުން އޮތީހެވެ.

    12
    1
  3. އއއ

    ދިވެހިރާއްޖޭގަ މިއޮންނަނީ މުދާލުބުނުކަމުގެ ތައްގަނޑު ޖަހާ ސޮއި ދީފަ ބިރިޔާނީ ކާންދީދަ ފުރުވާލުން.

    6
    0