ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދޮޣާންއަށް ސިޔާސީ މައިދާނުގައި މިހާތަނަށް ކުރިމަތިވާނެ އެންމެ ގޮންޖެހުން ބޮޑުވާނެ ކަމަށް ލަފާކުރެވޭ އިންތިހާބުގެ ވޯޓް ލުން ފަށައިފިއެވެ. އުރުދޮޣާން 2003 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން އޭނާ އިންތިހާބަކުން ބަލިވެދާނެ ކަމަށް މީގެ ކުރީގެ އެއްވެސް އިންތިހާބެއްގައި ލަފާވެސް ނުކުރެވެއެވެ.

ނަމަވެސް މިއަދު ފެށި ވޯޓްގައި އުރުދޮޣާންގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓް ކެމަލް ކިލިޗާރޮގްލޫ ކުރި ހޯދަފާނެ ކަމަށް ލަފާކުރެވެއެވެ. ހިޔާލު ހޯދުމުގެ ގާތްގަނޑަކަށް ހުރިހާ ވޯޓަކުން ވެސް ދައްކަނީ އުރުދޮޣާނަށްވުރެ ގިނަ ވޯޓް ކެމަލް ހޯދާނެ ކަމަށެވެ. އުދުދޮޣާން އާއި އޭނާގެ ސަޕޯޓަރުންނަށް މިވަގުތު އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ ކެމަލް އަށް ވެސް ވޯޓްލާ މީހުންގެ %50 ނުހޯދާނެ ކަމަށް ބެލެވިފައި އޮތުމެވެ. އެެއްވެސް ކެންޑިޑޭޓަކަށް %50 ނުލިބިއްޖެނަމަ އެންމެ ގިނައިން ވޯޓް ހޯދާ ދެކެންޑިޑޭޓުން ދެވަނަ ބުރެއްގައި ވާދަކުރާނެއެވެ.

ތުރުކީވިލާތައް އުރުދޮޣާންގެ ވެރިކަމުގައި އޭނާ ގިނަ ބަދަލުތަކެއް ގެނެސްދެއްވައި، ތަރައްގީގެ ރޮނގުން އާހަރުފަތްތަކެއް ގިރާކުރި ނަމަވެސް ރިޔާސީ އިންތިހާބު މިފަހަރު އޭނާ އަށް އުނދަގޫވުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއްސަބަބަކީ އިގުތިސޯދީ ދަތިކަމުގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސް ތަކެތީގެ އަގު ބޮޑުވެ ފައިސާގެ އަގު ވެއްޓުމެވެ. އޭގެ އިތުރުން ފެބްރުއަރީ މަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ބައި ލައްކައަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލިފައި ވާއިރު އެއީ ވެސް އުރުދޮޣާންގެ ކުރިމަތީގައި އޮތް ގޮންޖެހުމެކެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާއިއެކު މިއަދު ތުރުކީވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުން ވެސް ކުރިއަށް ގެންދާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުރުދޮޣާންގެ އޭކޭ ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ފަސޭހަ ކަމާއިއެކު ނަގާނެއެވެ.

ވޯޓް ލުން ނިންމުމަށް ތާވަލް ކޮށްފައި ވަނީ ތުރުކީވިލާތުގެ ގަޑިން ހަވީރު 17:00 ގައެވެ. އެއީ ރާއްޖޭގެ ގަޑިން މިރޭ 19:00 އެވެ. މިއިންތިހާބުގައި 60.7 މިލިއަން މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައި ވެއެވެ. އޭގެތެރެއިން 1.8 މިލިއަން މީހުންނަކީ އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންނެވެ. މިއަދު ތުރުކީވިލާތުގެ ރައްޔިތުން 73 ގައުމެއްގައި ތިބެގެން އިންތިހާބުގައި ވޯޓް ލާނެއެވެ. ލަފާކުރެވޭ ގޮތުގައި އިންތިހާބުގެ ނަތީޖާތައް ސާފުވާނީ ރާއްޖެ ގަޑިން މާދަމާގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރެފްރީ

    އުރްދުޢާނަށް ތަފާތުބޮޑުކާމިޔާބީއެއްދެއްވާށި امين يارب العالمين امين

    37
    1
  2. ޔ

    މިނޫނީނެތްމުސްލިމުންގެދިފާއުގަވާހަކަދައްކަންކެރޭ ވެރިޔެއް. އުރުދޮޢާންއަށް ކާމިޔާބީދެއްވާށި.

    22
    1
  3. ވިކިލީކްސް

    މިއީ ހުޅަނގާ އެމެރިކާ ބޮޑެތި ހޭދަތައް ކޮށްގެން އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ގެންނަ ފަހަރު ކަމަށް އެނަލިސްޓެއްގެ ހައިސިއްޔަތުން އަހަރެން ލަފާކުރަނީ. އެކަން ކާމިޔާބު ވާނީ ދެވަނަ ބުރުގައި. މާނައަކީ ކުރިޔަށް އޮތް 5 އަހަރަކީ ކެމާލް ތުރުކީގެ ރައީސްކަން ކުރާ 5 އަހަރު. މިއީ ހިތާމަކުރަން ޖެހޭކަމެއް. މުސްލިމު ރަނގަޅު ލީޑަރެއްގެ އަތުން ގައުމެއް ބީވެގެންދަނީ. އުރުދުޣާން އަކީ ފާޅުގަ އެމެރިކާއަށް ގޮންޖަހާ ވެރިއެއް.

    • ޖަމިއްޔާ

      ހުޅަނގުގެ ހުރިހާ ނޫސްތަކުން ކަހަލަ ގޮތަކަށް ބުރަވެފަ ހުރީ އިދިކޮޅު ޕާޓީއަށް.

      އިންޝާﷲ އޮރްދޮޣާން ކާމިޔާބު ކުރައްވާށި. އާމީން