ތުރުކީވިލާތުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ލުން އަންނަ އާދީއްތަ ދުވަހު އޮންނައިރު ރައީސް ޠައްޔިބު އުރުދޮޣާނަށް އިތުރު ޕްރެޝަރެއް ކުރިމަތިވެއްޖެއެވެ. އުރުދޮޣާން އާއި ދެވަނަ ބުރުގައި ވާދަކުރާ ކަމާލް ކިލިޑާރޯލޫ އަށް ތާއިދުކުރަން ދެވަނަ އަށް ދިޔަ ވިކްޓްރީ ޕާޓީގެ ލީޑަރު ސިނަން އޮގަން މިހާރު ވަނީ ނިންމާފައެވެ.

ތުރުކީވިލާތުގައި ތިބި ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމަށް ވަކާލާތު ކުރާ އޮގަންގެ ތާއިދު ކަމާލް އަށް ލިބުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށް ތުރުކީވިލާތުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އޮގަން އަށް އިންތިހާބުގައި %5.2 އިންސައްތަ ލިބުނުއިރު ކަމާލް އަށް %44.9 ލިބުނެވެ. އެހެންކަމުން އެދެކެންޑިޑޭޓުންނަށް %50 ވޯޓް ހަމަ ކުރެވެއެވެ. ނަމަވެސް ފުރަތަމަ ބުރުގައި ރައީސް އުރުދޮޣާނަށް %49.5 ލިބިފައި އޮތުމުން އުރުދޮޣާން އިންތިހާބު ކާމިޔާބު ކުރަން، ކުރަން ޖެހޭ މަސައްކަތް ކުޑަވާނެ ކަމަށް ވެސް ތަޖުރިބާކާރުން ދެކެއެވެ.

ދެވަނަ ބުރުގައި އުރުދޮޣާނަށް ތާއިދު ކުރަން އޮގަން ވަނީ އުރުދޮޣާން އާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް އޭނާ ހުށަހެޅި ގޮތައް ރެފިއުޖީން އެއްއަހަރު ދުވަސް ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލުމުގެ ޕްލޭނަށް އުރުދޮޣާން އެއްބަސްނުވިއެވެ. އެހެންކަމުން ކޯލިޝަން މަޝްވަރާތައް ކާމިޔާބެއް ނުވިއެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ދާހީލީ ހަމަނުޖެހުންތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ތުރުކީވިލާތައް ހިޖުރަކުރި މީހުންގެ އަދަދު ވަރަށް ގިނައެވެ. ހާއްސަކޮށް ތުރުކީވިލާތާއި އިންވެގެން އޮންނަ ސީރިއާ އިން ވަނީ ގިނަ ބަޔަކު ތުރުކީވިލާތައް ހިޖުރަކޮށްފައެވެ. ތުރުކީވިލާތަކީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް އެންމެ ގިނަ ރެފިއުޖީންނަށް ބޯހިޔާވަހިކަން ދީފައިވާ ގައުމެވެ. ތުރުކީވިލާތުގައި ފަސް މިލިއަން ރެފިއުޖީން އެބަތިއްބެވެ. އޭގެތެރެއިން ތިން މިލިއަން މީހުންނަކީ ސީރިއާ މީހުންނެވެ.