ދެކުނު ކޮރެއާގެ ޑޮމެސްޓިކް ފްލައިޓެއް ދަތުރު ކުރަމުން ދަނިކޮށް ފަސެންޖަރަކު ފްލައިޓްގެ އެމެޖެންސީ ދޮރެއް ހުޅުވާލުމުން ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހިއްޖެއެވެ.

ފަސެންޖަރަކު ފްލައިޓްގެ ދޮރު ހުޅުވާލިއިރު ފްލައިޓް އައީ އެއާޕޯޓްގައި ޖައްސަންށެވެ. ނަމަވެސް އޭރު ފްލައިޓް ދަތުރު ކުރަމުން ދިޔައީ ގާތްގަނޑަކަށް 656 ފޫޓް މަތިންނެވެ. ފްލައިޓްގެ ދޮރު ހުޅުވާލުމާއިއެކު ފްލައިޓްގެ ތެރެއަށް ވައި ވަދެ ބައެއް މީހުންނަށް ނޭވާ ލާން ދަތިވިއެވެ.

ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އޭސިއާނާ އެއާލައިންސްގެ އެއާބަސް އޭ321 މަރުކާގެ ފްލައިޓެއް ދަތުރު ކުރަމުން ދަނިކޮށް އެމަޖެންސީ ދޮރު ކައިރީގައި އިން ފަސެންޖަރެއް ފްލައިޓްގެ އެމަޖެންސީ ދޮރު ހުޅުވާލި ކަމަށެވެ. އޭނާ ދޮރު ހުޅުވުން ހުއްޓުވަން އެހެން ފަސެންޖަރުން މަސައްކަތް ކުރި ނަމަވެސް އެކަން ނުހުއްޓުވުނު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އޭސިއާނާ އެއާލައިންސްގެ އިން ބުނީ ފްލައިޓް ޖެއްސުމާއިއެކު ނުވަ މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް އެއާލައިނުން ބުނެއެވެ.

އެމަޖެންސީ ދޮރު ހުޅުވި ފަސެންޖަރު ވަނީ ފްލައިޓް ޖެއްސުމާއިއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ އާއި ތަހްގީގުގައި ސުވާލު ކުރަމުންދާކަމަށް ބުނުން ފިޔަވައި މައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ނުދެއެވެ.

ހާދިސާ ހިނގިއިރު ފްލައިޓްގައި ތިބި މީހުން ބުނި ގޮތުގައި އެމީހުންނަށް ހީވީ ފްލައިޓް ވެއްޓެން އުޅެނީ ކަމަށެވެ. "ވަރަށް ބިރުވެރި ވަގުތުކޮޅެއް ދިޔައީ. އަހަރެން އުއްމީދެއް ނުކުރަން ދެން ސަލާމަތް ވެވިދާނެ ކަމަކަށް." ފަސެންޖަރަކު ބުންޏެވެ.

ހާދިސާ ހިނގިއިރު ފްލައިޓްގައި ކްރޫންނާއިއެކު 194 މީހުން ތިއްބެވެ.