ހަތް އަހަރު ފަހުން އީރާނުން ސައުދީ އަރަބިއްޔާގައި އަލުން އެމްބަސީއެއް ހުޅުވާފިއެވެ. އެމްބަސީ ހުޅުވާފައިވަނީ ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ މަންދޫބުންގެ ހާޒިރުގައިއެވެ.

އީރާނާއި ސައުދީ އަރަބިއްޔާ ދޭތެރޭގައި ހީނަރުވެފައިވާ ގުޅުން އަލުން އިއާދަކުރެވުނީ ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހުއެވެ.

ސައުދީ އަރަބިއްޔާއިން އީރާނާއި ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ތެހެރާނުގައި ހުންނަ އެގައުމުގެ އެމްބަސީ ކުރިމަތީގައި އީރާންގެ އާންމުންގެ ބައެއް އެއްވެ ހިންގި ހަމަނުޖެހުމަށް ފަހުގައިއެވެ.

އީރާނުން މިފަދަ ގޮތަކަށް މުޒާހަރާކޮށްފައި ވަނީ ސައުދީ އަރަބިއްޔާއިން ޝިޔައީ މަޛުހަބުގެ މަޝްހޫރު ދީނީ އިލްމުވެރިއަކުގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމާއި ގުޅިގެންނެވެ.

މިދިޔަ ހުކުރު ދުވަހު ކޭޕް ޓައުންގައި ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދާއެކު ބޭއްވި ބައްދަލުވުމެއްގައި އީރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރު ޢަބްދުالله ވަނީ "ދެ ގައުމުގެ ގުޅުމަށް ލިބުނު ރަނގަޅު ކުރިއެރުމާ މެދު" ހިތްހަމަޖެހުން ފާޅުކުރައްވާފައިއެވެ.

އީރާނުގައި ސައުދީ އަރަބިއްޔާގެ އެމްބަސީ އަލުން ހުޅުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓާވާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާއަކީ ދުނިޔޭގެ އެންމެ ގިނަ ސުންނީ މުސްލިމުން ދިރިއުޅޭ ޤައުމެވެ. އީރާނަކީ ޝިޔައީ މަޛުހަބުގެ މީހުން ދިރިއުޅޭ ޤައުމެކެވެ. އެހެންކަމުން، މި ދެ ޤައުމުގެ ދެމެދުގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުންތައް ގިނަވުމަކީ ޢާންމު ކަމެކެވެ.

ސައުދީ އަަރަބިއްޔާގައި އީރާނުގެ އެމްބަސީ ހުޅުވާފައި ވަނީ ސައުދީއަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ޒިޔާރަތްކުރެއްވި ދުވަހުގައިއެވެ. ބްލިންކަން ކުރެއްވި މި ޒިޔާރަތުގެ އެއް ބޭނުމަކީ އީރާނާއި ގުޅުންހުރި މަޝްވަރާތައް ކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙުމަދު

    ސުއްނީ މުސްލިމުން އެންމެ ބޮޑު އާބާދީ އެއް އޮންނަނީ އިންޑޮނޭޝިޔާ ގައި، އަދި އިރާނުގައި ޝިޔަޢީ މަޒުހަބުގެ އިތުރަށް ސުއްނީ މުސްލިމުން ވެސް ދިރިއުޅެއެވެ އާބާދީގެ ނިސްބަތަށް ބަލާއިރު ސުންނީ މުސްލިމުންގެ ނިސްބަތް ގާތްގަނޑަކަށް 25%އިން ސައްތަ ވަރުވާނެއެވެ

    2
    1