އިނގިރޭސި ވިލާތުގައި ބޭއްވި ފޯރަމެއްގައި ބައިވެރިވުމަށްފަހު ދިޔަ ސްރީ ލަންކާގެ ފުލުހުންތަކެއް ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެ ފުލުހުންނަކީ އިނގިރޭސިވިލާތުގައި ބޭއްވި އިންޓާނޭޝަނަލް ޕޮލިސް އެސޯސިއޭޝަން ކޮންފަރެންސްގައި ބައިވެރިވުމަށް ދިޔަ ބައެކެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަ ފުލުހެއްގެ ގްރޫޕެއް މިދިޔަ މަހު ލަންކާއިން ފުރައިގެން ދިޔައިރު، މި މަހުގެ ހަތަރު ވަނަ ދުވަހު އަލުން ޑިއުޓީއަށް ހާޒިރުވާން ޖެހެއެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް އެނބުރި ގޮސްފައިވަނީ އެންމެ ދެ މީހެކެވެ.

ޕޮލިސް ސްޕޯޓްސް ޑިވިޜަންގައި މަސައްކަތްކުރާ ދެ ޕޮލިސް ސާޖަންޓަކާއި ދެ ކޮންސްޓަބަލުން މިހާތަނަށް ލަންކާއަށް އައިސްފައެއް ނުވެއެވެ.

އެ މީހުން ދިޔައީ މި ގައުމުގައި އިންޓަނޭޝަނަލް ޕޮލިސް އެސޯސިއޭޝަން ތަމްސީލުކުރާ މި ކޮންފަރެންސްގައި ބައިވެރިވުމަށެވެ. އަދި މި އޮފިސަރުން މި ކޮންފަރެންސްގައި ބައިވެރިވެފައިވަނީ އަމިއްލަ ފައިސާ ބޭނުންކޮށްގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ގެއްލުނު ފުލުހުންގެ މައްސަލަ ލަންކާ ފުލުހުން މިހާރު ވަނީ ބަލަން ފަށައިފައެވެ.

މި މީހުންނާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ސްރީލަންކާއަށް ނާންނަ ބައެއް އޮފިސަރުން ފުލުހުންގެ މައި އިދާރާއިން ފަސް އަހަރު ދުވަހުގެ ޗުއްޓީއަކަށް އެދިފައިވާ ކަމަށާއި އެ އެދުމަށް ފުލުހުންގެ މައި އިދާރާއިން ވަނީ ދެކޮޅު ހަދާފައެވެ.