ޓައިޓަން ސަބްމާސިބަލްގެ ބައިތަކުގެ ތެރެއިން އިންސާނުންގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވާ ކަމަށް އެމެރިކާގެ ކޯސްޓްގާޑުން ބުނެފިއެވެ.

އެމެރިކާގެ ކޯސްޓްގާޑުން މިގޮތަށް ބުނެފައިވަނީ، ބުދަ ދުވަހު ސަބްމާސިބަލްގެ ބައިތައް އެއްގަމަށް ގެނެސް އެކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނެރުނު ބަޔާނެއްގައެވެ. ސަބްގެ ލޭންޑިން ފްރޭމާއި ފަހަތު ކަވަރު ފެނިފައި ވަނީ ކުނީގެ ތެރެއިންނެވެ. ސަބްމާސިބަލް އިން ދަތުރު ކުރި މީހުންގެ ހަށިތައް ކަމަށް ބެލެވޭ ބައިތައް އެމެރިކާގެ މެޑިކަލް ޕްރޮފެޝަނަލުން ރަސްމީކޮށް އެނަލިސިސް ކުރާނެ ކަމަށް އެމެރިކާގެ ކޯސްޓްގާޑުން ބުނެއެވެ.

ސަބްމާސިބަލް ކަނޑުގެ އަޑީގައި ގޮވި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ކޯސްޓްގާޑުގެ މެރިން ބޯޑް އޮފް އިންވެސްޓިގޭޝަން (އެމްބީއައި) އިން އަންނަނީ ކުރަމުންނެވެ.

އެމްބީއައިގެ ޗެއާ ކެޕްޓަން ޖޭސަން ނިއުބައުއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓައިޓަންގެ ނުރައްކާތެރި ހާދިސާއަށް މަގުފަހިވި ސަބަބުތައް ދެނެގަނެ އެފަދަ ހިތާމަވެރި ހާދިސާއެއް ދެން ނުހިނގާނެ ކަން ކަށަވަރު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. މި މުހިންމު ހެކިތައް ކަނޑުގެ އަޑިން ހޯދުމަށާއި ރައްކާކުރުމަށް ބައިނަލްއަގްވާމީ އަދި އިންޓައޭޖެންސީގެ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޓައިޓޭނިކް ފެތިފައި އޮންނަ ތަން ބަލަން ދިޔަ ޓައިޓަން ސަބްމާސިބަލްގައި ފަސް މީހަކު ދަތުރުކުރިއެވެ. މި ދަތުރުގައި ބައިވެރިވި ފަސް މީހުންވެސް ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ތިން މީހަކު ހިމެނެއެވެ.

ކޯސްޓްގާޑުން ބުނި ގޮތުގައި މިހާތަނަށް ސަބްގެ މައިގަނޑު ފަސް ބައި ފެނިފައިވަނީ ޓައިޓޭނިކްގެ ދިރުބާކޮޅުން ފެށިގެން ގާތްގަނޑަކަށް 1600 ފޫޓް ދުރުގައި އޮތް ބޮޑު ކުނިކޮށިގަނޑެއްގެ ތެރެއިންނެވެ.

ބީބީސީގެ ސައިންސް ކޮރެސްޕޮންޑެންޓް ޖޮނަތަން އަމޯސް ވިދާޅުވި ގޮތުގައި ބުދަ ދުވަހު ގޮނޑުދޮށަށް ގެނައި ކުނިތަކުގެ ތެރޭގައި މަދުވެގެން އެއް ޓައިޓޭނިއަމް އެންޑް ކެޕާއި، ބިއްލޫރިގަނޑު ގެއްލުނު ސަބްގެ ޕޯޓްހޯލްގެ އިތުރުން ޓައިޓޭނިއަމް އަނގޮޓިއަކާއި ލޭންޑިން ފްރޭމާއި އިކުއިޕްމަންޓް ބޭ ހިމެނޭ ކަމަށެވެ.

އޯޝަންގޭޓްގެ ސަލާމަތީ ކަންކަމާ މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ކުރީގެ މުވައްޒަފުން ވަނީ ޓައިޓަން ސަބްއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.