ޓައިޓޭނިކް ބަލަން ގޮސް ހަލާކުވި ސަބްމާސިބަލްގެ ކުންފުނި، އޯޝަން ގޭޓްސް އިން މީސް މީޑިއާގެ ހުރިހާ އެކައުންޓެއް ޑިލީޓްކޮށްލައިފިއެވެ.

އެގޮތުން އޯޝަން ގޭޓްސްގެ ޓުވިޓާ، ފޭސްބުކް، އިންސްޓަގްރާމް އަދި ލިންކްޑްއިންގެ ހުރިހާ އެކައުންޓެއް ވަނީ ޑިލީޓްކޮށްލައިފައެވެ.

އަދި އެ ކުންފުނީގެ ވެބްސައިޓުން ވެސް ފެންނަނީ "ހުރިހާ ދަތުރުތަކެއް މެދުކަނޑާލި" ކަމަށް ބުނާ މެސެޖެކެވެ. އިތުރު އެއްވެސް އެއްޗެއް އެ ވެބްސައިޓުން ނުފެނެއެވެ.

ޓައިޓޭނިކް ބަލަން ސަބްމާސިބަލް ފީނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް އެ ދުވަހު އެ ސަބްމާސިބިލް ވަނީ މައި އުޅަނދާ ގުޅުން ކެނޑިފައެވެ.

އޭގެ ފަހުން ރޮބަޓެއް ބޭނުންކޮށްގެން ހޯދި ހޯދުންތަކުން އެނގުނީ އެ ސަބްމާސިބަލް ގޮވި ކަމެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ސަބްމާސިބަލް ގޮވީ ކަނޑު އަޑީގެ ޕްރެޝަރަށް ނުހިފެހެއްޓިގެންނެވެ. އެއީ އެ ސަބްމާސިބަލް ހަދާފައިވާ ފައިބަރަކީ ޕްރެޝަރު ހިފެހެއްޓުމުގެ ކުޅަދާނަކަން ލިބިފައިވާ މާއްދާއެއް ނޫން ކަމަށްވެއެވެ.

ސަބްމާސިބަލްގެ ދަތުރުތަކަކީ ނުރައްކާތެރި ދަތުރުތަކެއް ކަމަށްވާ އިރު، އެ ދަތުރުތައް ކޮށްދެމުން ދިޔައީ މީހަކަށް 250،000 ޑޮލަރުގެ ރޭޓުންނެވެ.

ހަލާކުވި ސަބްމާސިބަލްއިން ދަތުރުކުރީ އޯޝަންގޭޓްގެ ސީއީއޯ ސްޓޮކްޓޮން ރަޝް އާއި ޕާކިސްތާނަށް ނިސްބަތްވާ މިލިއަނަރެއް ކަމަށްވާ ޝަހްޒަދާ ދާއޫދު އާއި އޭނާގެ 19 އަހަރުގެ ދަރިފުޅު ސުލައިމާން ދާއޫދު އާއި އިނގިރޭސިވިލާތުގެ ބިލިއަނަރެއް ކަމަށްވާ ހަމިޝް ހާޑިންގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ކަނޑުގެ އަޑިއާއި ބެހޭ ތަޖުރިބާކާރު ޕޯލް ހެންރީ ނާޖެލޮޓްއެވެ. އެ އެންމެން ވެސް އެ ހާދިސާގައި ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަދިވެސް ލިބޭ ލާރި ބޭކާރު ފައިދާއެއް ނެތް ކަންކަމަށް ހޭދަކުރަން ނޫޅެ މިމި ކަންތަކުން ޢިބުރަތް ލިބިގަންނަންވީ. ތިޔަ ޓއިޓޭނިކަކީ ދުވަހަކު ހަލާކުނުވާނޭ އުޅަނދެއް ކަމަށް އޭގެ ވެރިފަރާތްތަކުން ބުނި އުޅަނދެއް، ފުރަތަމަ ދަތުރުގައި ކަނޑަށް ޢަރަޤުވީ. ވިސްނާ ފިކުރުކޮށް ޢިބުރަތް ލިބިގަންނަންވީ.

    18
    1