ޓައިޓޭނިކް ބަލަން ގޮސް ހަލާކުވި ސަބްމާސިބަލްގެ ކުންފުނި، އޯޝަން ގޭޓްސްގެ ކޯ ފައުންޑާ ގުލަރުމޭ ސޮހްނެލިންއާ ޓައިޓެނިކް ފިލްމު ޑައިރެކްޓަރު ޖޭމްސް ކެމެރަންއާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ސަބްމާސިބަލް ހަލާކުވި ފަހުން ޖޭމްސް ކެމެރަން ވަނީ ސަބްމާސިބަލްގެ ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ޖޭމްސް ކެމެރަންއަކީ ޓައިޓެނިކް ބަލަން އެތައް ފަހަރަކު ސަމްބެރިންއެއްގައި ގޮސް ފައިވާ މީހެކެވެ. އޭގެ އިތުރުން ދުނިޔޭގެ ކަނޑުގެ އެންމެ ފުން ސަރަހައްދު ކަމަށްވާ މަރިއާނާ ޓްރެންޗަށް ވެސް ދިޔަ މަދު މީހުންގެ ތެރޭގައި ކެމެރަން ހިމެނެ އެވެ.

ނަމަވެސް އޯޝަން ގޭޓްސްގެ ކޯ ފައުންޑާ ގުލަރުމޭ ސޮހްނެލިންއާ ވިދާޅުވީ ޖޭމްސް ކެމެރަންއަކީ ކަނޑުގެ އަޑިއަށް ކިތަންމެ ފަހަރަކު ގޮސްފައިވާ މީހެއް ނަމަވެސް އޯޝަން ގޭޓްސްއާއި އެ ކުންފުނީގެ މުވައްޒަފުންނާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ ކަމަށެެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުންފުންޏެއް ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ދައްކަނީ މަދު މުވައްޒަފުންތަކެއް ކަމަށާއި އެ ކުންފުނިން 200 މުވައްޒަފުން ގެންގުޅުނު ކަމަށެވެ.

ސަބްމާސިލް ހަލާކުވުމާ ގުޅިގެން އޯޝަން ގޭޓްސްގެ ދަތުރުތައް ހުއްޓާލައި ކުންފުނީގެ މީސް މީޑިއާ އެކައުންޓްތައް ވެސް ވަނީ ފުހެލައިފައެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ސަބްމާސިބަލް ގޮވީ ކަނޑު އަޑީގެ ޕްރެޝަރަށް ނުހިފެހެއްޓިގެންނެވެ. އެއީ އެ ސަބްމާސިބަލް ހަދާފައިވާ ފައިބަރަކީ ޕްރެޝަރު ހިފެހެއްޓުމުގެ ކުޅަދާނަކަން ލިބިފައިވާ މާއްދާއެއް ނޫން ކަމަށްވެއެވެ.

ސަބްމާސިބަލްގެ ދަތުރުތަކަކީ ނުރައްކާތެރި ދަތުރުތަކެއް ކަމަށްވާ އިރު، އެ ދަތުރުތައް ކޮށްދެމުން ދިޔައީ މީހަކަށް 250،000 ޑޮލަރުގެ ރޭޓުންނެވެ.

ހަލާކުވި ސަބްމާސިބަލްއިން ދަތުރުކުރީ އޯޝަންގޭޓްގެ ސީއީއޯ ސްޓޮކްޓޮން ރަޝް އާއި ޕާކިސްތާނަށް ނިސްބަތްވާ މިލިއަނަރެއް ކަމަށްވާ ޝަހްޒަދާ ދާއޫދު އާއި އޭނާގެ 19 އަހަރުގެ ދަރިފުޅު ސުލައިމާން ދާއޫދު އާއި އިނގިރޭސިވިލާތުގެ ބިލިއަނަރެއް ކަމަށްވާ ހަމިޝް ހާޑިންގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ކަނޑުގެ އަޑިއާއި ބެހޭ ތަޖުރިބާކާރު ޕޯލް ހެންރީ ނާޖެލޮޓްއެވެ. އެ އެންމެން ވެސް އެ ހާދިސާގައި ވަނީ މަރުވެފައެވެ.