ޓައިޓޭނިކް ބަލަން ގޮސް ހަލާކުވި ސަބްމާސިބަލްގެ ބައިތަކާއެކު ފެނުނު އިންސާނުންގެ ކުދުކުދި ބައިތަކުގެ ޑީއެންއޭ ހަދަން ފަށައިފިއެވެ.

ޓައިޓޭނިކް ބަލަން ސަބްމާސިބަލް ފީނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް އެ ދުވަހު އެ ސަބްމާސިބިލް ވަނީ މައި އުޅަނދާ ގުޅުން ކެނޑިފައެވެ.

އޭގެ ފަހުން ރޮބަޓެއް ބޭނުންކޮށްގެން ހޯދި ހޯދުންތަކުން އެނގުނީ އެ ސަބްމާސިބަލް ގޮވި ކަމެވެ.

އަދި ފަހުން ވަނީ ސަބްމާސިބަލްގެ ބައިތައް ވެސް ކަނޑުގެ އަޑިން ހޯދައިފައެވެ. އަދި އެ ސަބްމާސިބަލްއިން ދަތުރުކުރި މީހުންގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ކުދި ކުދި ބައިތައް ވެސް ފެނުނެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ބައިތަކެއް ކަމަށް އަދި ނޭނގެއެވެ.

އެމެރިކާގެ ކޯސްޓު ގާޑުން ބުނީ ފެނުނު ހަށިގަނޑުގެ ބައިތަކުގެ ޑީއެންއޭ، އެމެރިކާގެ މެޑިކަލް ޕްރޮފެޝަނަލްއިން މިހާރު ޓެސްޓު ކުރަމުންދާ ކަމަށެވެ.

ހަލާކުވި ސަބްމާސިބަލްއިން ދަތުރުކުރީ އޯޝަންގޭޓްގެ ސީއީއޯ ސްޓޮކްޓޮން ރަޝް އާއި ޕާކިސްތާނަށް ނިސްބަތްވާ މިލިއަނަރެއް ކަމަށްވާ ޝަހްޒަދާ ދާއޫދު އާއި އޭނާގެ 19 އަހަރުގެ ދަރިފުޅު ސުލައިމާން ދާއޫދު އާއި އިނގިރޭސިވިލާތުގެ ބިލިއަނަރެއް ކަމަށްވާ ހަމިޝް ހާޑިންގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި ކަނޑުގެ އަޑިއާއި ބެހޭ ތަޖުރިބާކާރު ޕޯލް ހެންރީ ނާޖެލޮޓްއެވެ.

އެ އެންމެން ވެސް އެ ހާދިސާގައި ވަނީ މަރުވެފައެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ސަބްމާސިބަލް ގޮވީ ކަނޑު އަޑީގެ ޕްރެޝަރަށް ނުހިފެހެއްޓިގެންނެވެ. އެއީ އެ ސަބްމާސިބަލް ހަދާފައިވާ ފައިބަރަކީ ޕްރެޝަރު ހިފެހެއްޓުމުގެ ކުޅަދާނަކަން ލިބިފައިވާ މާއްދާއެއް ނޫން ކަމަށްވެއެވެ.

ސަބްމާސިބަލްގެ ދަތުރުތަކަކީ ނުރައްކާތެރި ދަތުރުތަކެއް ކަމަށްވާ އިރު، އެ ދަތުރުތައް ކޮށްދެމުން ދިޔައީ މީހަކަށް 250،000 ޑޮލަރުގެ ރޭޓުންނެވެ.