އިންޑިއާގެ މުމްބާއީގައި ދިރިއުޅެމުންދާ މަޝްހޫރު ފަރާތްތަކެއް ބަނޑުގައި ރިއްސާތީ ރިޕޯޓް ކުރަން ފަށައިފިއެވެ.

މިއާއެކު ސިއްހީ މާހިރުން ވަނީ އިންފެކްޝަންގެ ސަބަބުން ބަނޑުގައި ރިއްސުން ފަދަ މައްސަލަތައް އިތުރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

މިގޮތުން ބްރިހަން މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އަށް ތުހުމަތުގެ އިނގިލި ދިއް ކުރަމުން ބަނޑުގެ ނުރައްކާތެރި އިންފެކްޝަނަކާއި ކުރިމަތިލި ފިލްމު އުފެއްދުންތެރިޔާ ހަންސަލް މެހެތާ ވަނީ އެހެން މީހުންނަށްވެސް މިފަދަ މައްސަލަތައް ދިމާވެގެން ރިޕޯޓް ކުރަމުންދާ ކަމަށް ބުނެފައެވެ.

އޭނާގެ ޓްވީޓާއެކު މުމްބާއީގެ ފެނުގެ މައްސަލައާ ގުޅޭގޮތުން ބޮޑު ބަހުސްއެއްވެސް ކުރިއަށް ދިޔައެވެ.

މެހެތާ މީގެ ކުރިން ކުރި ޓުވީޓެއްގައި ބުނީ ސްކްރިޕްޓް ލިޔުންތެރިޔާ ކަރަން ވިޔާސް ފޮނުވި މެސެޖެއްގައި ވަނީ "އޭނާ ވެސް އެފަދަ އިންފެކްޝަނެއް ކުރިމަތިވެ ބަލިވެގެން އުޅޭ" ކަމަށެވެ. އަދި އިތުރު މީހަކަށްވެސް މިފަދަ މައްސަލަތަކާއި ކުރިމަތިވަމުން އަންނަ ކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ ފަހުން ސްނެޕްޑިލްގެ ކޯ ފައުންޑާ އަދި ސީއީއޯ ކުނާލް ބަހްލް ވެސް ވަނީ "މިދިޔަ ހަފުތާގައި މުމްބާއީއަށް ކުރި ދަތުރަކަށް ފަހު ވެސް އެ ކަހަލަ ސީރިއަސް އިންފެކްޝަނެއް އަޅުގަނޑަށް ކުރިމަތިވެގެން އުޅުނީ، އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވި.".ކަމަށް ބުނެފައެވެ.

އޭނާ ބުނީ ކުރި ޓްވީޓެއްގައި، އެންޓިބަޔޮޓިކްސް ބޭނުންކޮށްގެންވެސް އެ ބަނޑުގެ ރިހުން ނުދިޔައިރު، މިއީ މިހާތަނަށް އޭނާގެ ދިރިއުޅުމުގައި ދިމާވި އެންމެ ނުރައްކާތެރި މިފަދަ މައްސަލަ ކަަމަށެވެ.

ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގެ ޖޫނިއާ ކޮންސަލްޓަންޓް-ގެސްޓްރޯއެންޓްރޯލޮޖީ އަދި މަހީމްގެ އެމްއާރްސީ ޑރ ޕަވަން ދޮބްލޭ އައިއޭއެންއެސް އަށް ވިދާޅުވީ އެކިއުޓް އިންފެކްޝަސް ގެސްޓްރޯއެންޓެރައިޓިސްގެ ނަމުން މެޑިކަލް ގޮތުން މަޝްހޫރު ވެފައިވާ މި މައްސަލަ ބޮޑަށް ކުރިމަތި ވަނީ ނޯރޯވައިރަސް އާއި ރޯޓާވައިރަސް ފަދަ ވައިރަހުގެ ސަބަބުން ކަމަށެވެ.

"ވިއްސާރަ މޫސުމުގައި މިއީ ވަރަށް އާންމު ކަމެއް، އަމިއްލަ ސާފުތާހިރުކަން ދަށްވުމާއި، އަތް ނުދޮވުން، ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި ފެން ބޭނުން ކުރުން ފަދަ ކަންކަމުގެ ސަބަބުން މިފަދަ މައްސަލަތައް ކުރިމަތިވޭ،".

މިފަދަ އިންފެކްޝަންތަކާއި ކުރިމަތިވާ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭރަށް ހިންގުމާއި، ބޮލުގައި ރިއްސުމާއި، ބަނޑުގައި ރިއްސުމާއި އަދި ހުން އައުން ފަދަ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރެވި

    ގެރިމަސް ނުކާން ގެރިކަލާންގެ ބުނެފަހުއްޓަ ކޭމަވީގޮތެއް ދީ

    9
    1