މެދުއިރުމައްޗަށް 3 ދުވަހުގެ މުއްދަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގެން ތެލުގެ އުފެއްދުންތެރިކަން އިތުރު ކުރެއްވުމަށް މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ކިޝިޑާ ވަނީ ޖަޕާނާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮންނަ "ސްޓްރެޓެޖިކް" ގުޅުން ވަރުގަދަ ކުރުމަށްވެސް މަޝްވަރާކުރައްވާފައިއެވެ. އަދި އޭގެ އިތުރަށްވެސް، އޭނާގެ ވާހަކައިގައި ސައުދީ އަރަބިއްޔާއަކީ ޖަޕާނަށް ތެޔޮ ފޯރުކޮށްދިނުމުގައި މުހިންމު ގައުމެއްކަންވެސް ފާހަގަކުރެއްވިއެވެ. ކިޝިޑާ ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިންއާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ރިޒާވް ދަށްވުމުގެ ބިރުވެރިކަން އުފެދިދާނެތީ، ތެޔޮ އުފެއްދޭ މިންވަރު އިތުރުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ޖަޕާނަކީ އެގައުމުގެ ވިޔަފާރީގެ މުހިންމު ބައިވެރިއެއްކަމުން ސައުދީގެ ހަކަތައާ ބެހޭ މިނިސްޓަރު އަމީރު ޢަބްދުލް ޢަޒީޒް ބިން ސަލްމާން ވަނީ ޖަޕާނަށް ކުރިއަށް އޮތް ތަނުގައިވެސް ތެލުގެ ސަޕްލައި ފޯރުކޮށްދެއްވާނެ ކަމުގަ ޔަގީންކަން އަރުއްވާފައެވެ. މިނިސްޓަރ ވަނީ ޖަޕާނަށް ބޭނުންވާ ތެލުގެ 40 އިންސައްތަ ސަޕްލައިކޮށްދެނީ ސައުދީ އަރަބިއްޔާއިން ކަން ފާހަގަކުރައްވާފައެވެ.

ހަކަތަ އާއި ވިޔަފާރި ފަދަ ދާއިރާތަކުން ޖަޕާން ކުންފުނިތަކަށް ފުރުޞަތު ފަހިކޮށްދިނުމާއި ގުޅޭގޮތުންވެސް ކިޝިޑާ ވަނީ ވާހަކަދައްކަވާފައެވެ.

އަދި މީގެ އިތުރުން 2016 ވަނަ އަހަރު ދެގައުމުން ފަށާފައިވާ ސައުދީ-ޖަޕަނީޒް ވިޝަން 2030 ގެ ތެރެއިން ތަޖުރިބާއާއި ޒަމާނީ ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމުގައި ސައުދީގެ ރަސްކަމާ ގާތުން މަސައްކަތް ކުރުމަށް ޖަޕާނުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މިއީ 2020 ވަނަ އަހަރުގައި ބޮޑު ވަޒީރު ސިންޒޯ އާބޭ ސައުދީއަށް ކުރެއްވި ދަތުރުފުޅަށްފަހު، ޖަޕާނުގެ ބޮޑު ވަޒީރަކު ސައުދީ އަރަބިއްޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކިޝިޑާގެ މި ދަތުރު ނިންމާލެއްވުމަށްފަހު އަބޫ ދާބީ އަދި ގަތަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.