އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އީޔޫގެ ގައުމުތަކަށް އަމާޒުކޮށް އިންޒާރުގެ މެސެޖެއް ދީފިއެވެ. މިފަހަރު އެމެރިކާގެ ރައީސް ވަނީ އީ.ޔޫއިން އެމެރިކާއަށް އިމްޕޯޓްކުރެވޭ ކާރުތަކަށް އަމާޒުކޮށް ޓެކްސް އެއް ނެގުމުގެ ހިޔާލު ގެންގުޅޭ ކަމަށް ބުނެފައެވެ.

ރައީސް ޓްރަމްޕް ވަނީ އެހެން ގައުމުތަކުން އެމެރިކާއާއި އެކުގައިވެފައިވާ ބަލިކަށި އަދި 'މޮޔަ' ވިޔަފާރީގެ އެއްބަސްވުންތަކުގެ ނާޖާއިޒު ފައިދާ އެގައުމުތަކުން ނަގަމުންދާކަމަށް އަނެއްކާވެސް ބުނެފައެވެ.

މިފަހަރު ދިން އިންޒާރުގެ މެސެޖުގެ ކުރިން ޓްރަމްޕް ވަނީ އެމެރިކާގެ ދަގަނޑު އުފައްދާ އިންޑަސްޓްރީއަށް އީ.ޔޫއިން އަގުހެޔޮކޮށް އެމެރިކާއަށް ދަގަނޑު އެތެރެކުރަން ލިބޭތީބެ ގެއްލުންވަމުންދާކަމަށް ބުނެ މިފަދަ އިމްޕޯޓްތަކަށް ޓެރިފް އެއް ނެގުމަށް ހުށަހަޅާނޭކަމަށް ބުނެފައެވެ. މިއާއިއެކު އީ.ޔޫއިން ވަނީ އީ.ޔޫގެ ގައުމުތަކަށް އެމެރިކާއިން އެތެރެކުރެވޭ މުދާތަކުންވެސް ޓެރިފްއެއް ނަގާނޭކަމަށް ބުނެ އިންޒާރު ދީފައެވެ. ޓްރަމްޕްގެ އެންމެ ފަހުގެ އިންޒާރުގެ މެސެޖްއަކީ އީ.ޔޫއިން އަޅާނޭކަމަށް ބުނި މި ފިޔަވަޅުތަކަށް ދެވިގެންދިޔަ ރައްދެކެވެ.

އީ.ޔޫއާއި އެމެރިކާއަކީ ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދުނިޔޭގެ އެންމެ ވަރުގަދަ ވިޔަފާރީގެ ބައިވެރިންނެވެ. ނަމަވެސްރައީސް ޓްރަމްޕްގެ އަމުރަށް މިހާރު ހުރި ގޮތުން އެމެރިކާ ދުނިޔޭގެ މަސްރަހުގައި ބާކީވުމަކީ ވެދާނޭކަމެއް ކަމަށްވެސް ބައެއް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.

ސަބަބަކީ އެމެރިކާއިން އަޅަން ވިސްނަމުން މިދާ ފިޔަވަޅުތަކާއި ދެކޮޅަށް ކެނެޑާ، މެކްސިކޯ އަދި ދެކުނު ކޮރެއާ ފަދަ އެމެރިކާގެ ގާތް އެކުވެރި ގައުމުތަކުން ދެކޮޅު ހަދައި ނުރުހުން ފާޅުކޮށްފައިވާތީއެވެ. މި ގައުމުތަކުން ބުނާގޮތުގައި އެމެރިކާގެ މި އަމަލުތަކަކީ އެއްވެސް އިންސާފެއް ނެތި އެގައުމުތަކަށް ގެއްލުން ދިނުމަށް އެޅިގެންދާ ފިޔަވަޅުތަކެކެވެ.