މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމެއްގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ ރޭ ދަންވަރު 6.8 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 300 އާ ގާތްކުރައިރު، މިއީ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި އުތުރު އެފްރިކާގެ އެ ސަރަހައްދަށް ފާއިތުވި ގަރުނަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ޔޫއެސްޖީއެސް އިން ބުނީ ބިންހެލުން އައިސްފައި ވަނީ ރާއްޖޭ ގަޑިން ރޭ 3:30 ހާއިރު، 18.5 ކިލޯމީޓަރު އަޑިން ކަމަށާއި ބިންހެލުން އައިސްފައި ވަނީ 840،000 މީހުންގެ އާބާދީއެއް އޮންނަ މަރަކޭޝްގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 72 ކިލޯމީޓަރު ދުރުގައި އޮންނަ ހައި އެޓްލަސް ފަރުބަދަތަކާ ދިމާލަށް ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ. އަދި ބައެއް ހިސާބުތަކުގެ މަގުތަކުގައި ހުރީ ގާފުނިފުނިތަކެވެ.

މި ބިންހެލުމާއި ގުޅިގެން ގިނަބަޔަކު ވަނީ އެ ސަރަހައްދު ދޫކޮށް ފިލަން ވެސް ފަށައިފައެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން މީހަކު ބުނީ މަރަކޭޝްގެ ކުރީގެ ސިޓީގެ ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށެވެ. މިހާރު ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގައި އާއްމުވެފައިވާ ބައެއް ވީޑިއޯތަކުން އިމާރާތްތައް ވެއްޓުނު މަންޒަރު ފެނިގެން ދެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ބިންހެލުމާއި ގުޅިގެން އެ ހިސާބަށް އިތުރު ލޮޅުންތަކެއް އަތުވެދާނެ ކަަމަށް ބަލައި މީހުންތައް ތިބީ ގެއަށް ވަންނަން ބިރުގަނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    މޮރޮކޯ ރައްޔިތުންނަށް ތައްކައުތރެިކަން މިންވަރު ކުރައްވާށި

    13
  2. ހަސަން ފޭދޫ

    ދޫކޮށް ފިލަން ފަށައިފި އޯ؟ ބޮއި ހަލާކު