މީގެ ކުރިން ޓްވިޓާގެ ނަމުގައި ހިންގަމުންދިޔަ އެޕްލިކޭޝަން "އެކްސް" ޑައުންވެއްޖެއެވެ.

މިރޭ 18:30 ހާއިރުން ފެށިގެން މައްސަލަތަކުގެ އަސަރު އެޕްލިކޭޝަނާއި ވެބްސައިޓަށް ދަނީ ކުރަމުންނެވެ.

ޕްލެޓްފޯމްގައި ޕޯސްޓްތައް ރަނގަޅަށް ލޯޑް ނުވާ ކަމަށް ބޭނުންކުރާ ފަރާތްތަކުން ރިޕޯޓް ކުރަމުން ދެއެވެ.

ބައެއް ފީޗާތައް މަސައްކަތް ނުކުރާތީ މާޔޫސްކަން ހިއްސާކުރި ބައެއް މީހުން ބުނާގޮތުން ބައެއް މީހުންނަށް އަދިވެސް އެޕްލިކޭޝަން މަސައްކަތް ކުރަމުން ދެއެވެ.

އޮންލައިންކޮށް ހިދުމަތްތައް މެދު ކެނޑޭ މައްސަލަތައް މޮނިޓާ ކުރާ ސައިޓެއް ކަމަށްވާ ޑައުންޑިޓެކްޓާ އިން ދައްކާ ގޮތުގައި ލޮސް އެންޖެލިސް، ކެލިފޯނިއާ އަދި ޗިކާގޯ، އިލިނޮއިސް އަދި ނިއު ޔޯކް ސިޓީގެ ބައެއް ސަރަހައްދުތަކަށް މި މައްސަލަ ކުރިމަތިވެފައި ވެއެވެ.

އިނގިރޭސިވިލާތާއި ޗައިނާ ގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި މައްސަލަތައް ކުރިމަތިވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 49 އިންސައްތަ އަކީ އެޕްލިކޭޝަނުން ކުރިމަތިވި މައްސަލަތަކެވެ. އަދި 41 އިންސައްތަ މައްސަލައަކީ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިވި މައްސަލަތައް ކަމަށްވާއިރު، 10 އިންސައްތަ މައްސަލައަކި ސާވަރ ކަނެކްޝަންގެ މައްސަލަތަކެވެ.

މި އެޕްލިކޭޝަންގެ ހިދުމަތް މެދު ކެނޑުނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ.