އިނގިރޭސިވިލާތުގެ ލަންޑަންގެ މަގުމަތީގައި ޒުވާން ފިރިހެނަކަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ލަންޑަންގެ ބަޓަރސީ ޕާކު ސަރަހައްދުގައި ހަމަލާދީ މަރާލާފައިވަނީ އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނެވެ.

ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި އެޒުވާނާ މަރުވެފައިވަނީ އެސަރަހައްދުގައި ޒުވާނާއަށް އެމްބިއުލާންސްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިހާދިސާއާއި ގުޅިގެން މެޓްރޮލިޓަން ފުލުހުން ބުނެފައިވަނީ މިއީ ވަރަށް ވެސް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެ ޒުވާނާ މަރާލާފައިވަނީ އެއްވެސް ސަބަބަކާއި ނެތި އެސަރަހައްދުގައި ހުއްޓާ ކަމަށް މިހާތަނަށް ހިންގި ތަހުގީގުން އެނގިފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ހޯދަން ޖެހޭ މައުލޫމާތު ފުލުހުން ހޯދަމުން އަންނައިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ވަނީ އެ ހާދިސާއާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުން އެކަން ހިއްސާ ކުރުމަށް އެދިފައެވެ.

ލަންޑަންގައި ހިނގި މި ނުރައްކާތެރި ހާދިސާ ވެގެން ދާނީ އާންމުންގެ ގިނަ ބަޔަކަށް ބިރުވެރިކަން ގެނެސްދީފައިވާ ހާދިސާއެއް ކަމުން އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.