ފަލަސްތީނުގެ ޒުވާނުންތަކެއް ނުކުމެ، އިސްރާއީލް ސިފައިންގެ ބަޔަކު ރަހީނު ކޮށްފިއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލް ސިފައިން ރަހީނު ކޮށްފައިވަނީ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި އެފަރާތްތަކުން ހަރަކާތްތެރިވަމުން ދަނިކޮށް، ޣައްޒާގެ ޒުވާނުންގެ ގްރޫޕަކުން ހަމަލާދީގެންނެވެ.

މިހަމަލާގެ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯތަކުން ފެނިގެންދަނީ އިސްރާއީލް ސިފައިންނަށް ހަމަލާދިން ޣައްޒާގެ ޒުވާނުންގެ މޫނުމަތިން އުފާވެރިކަމެވެ.

ޣައްޒާއިން އިސްރާއީލް ސިފައިން ރަހީނު ކުރި ނަމަވެސް، އެމީހުންނާއި ދޭތެރޭ ކަންތައް ކުރާނެ ގޮތެއް އަދި އެއްވެސް މީޑިއާއަކުން ހާމަ ކޮށްފައެއް ނުވެއެވެ.

އިސްރާއީލް ސިފައިންގެ ބަޔަކު މިއަދު ރަހީނު ކޮށްފައިވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި ޣައްޒާއިން ވަނީ އިސްރާއީލަށް 5،000 ވަރަކަށް ރޮކެޓް ހަމަލާ ދީފައެވެ. މިހަމަލާ ދީފައިވަނީ އެގައުމުގެ މެދުގެ އިތުރުން އުތުރުގެ ބައެއް ހިސާބުތަކަށެވެ. ޣައްޒާއިން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިން ނަމަވެސް މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.