ފާއިތުވެ ދިޔަ ހަ ދުވަހު މެދުނުކެނޑި އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުން ގެންދާއިރު، ޣައްޒާއަށް މިހާތަނަށް 6000 ބޮން އަޅާފައިވާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

ޣައްޒާއަށް ގާތްގަނޑަކަށް 6000 ބޮން އަޅާފައިވާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ މީސްމީޑިއާގައި އާންމު ކުރި ބަޔާނެއްގައެވެ. ހޮނިހިރު ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު، އިސްރާއީލުން ބަންދުކޮށްފައިވާ ޣައްޒާއަށް އަޅާފައިވާ ބޮންތަކުގައި 4000 ޓަނު ހުންނާނެ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިސްރާއީލުގެ ވައިގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފަށައިގެން މިހާތަނަށް ޣައްޒާގެ 3600 އަމާޒަށް ހަމަލާ ދީފައިވާނެ ކަމަށެވެ. އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވައިގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ވެސް ވަރުބަލިކަމެއްނެތި މެދުނުކެނޑި ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުން ގެންދާނެ ކަމަށެވެ.

އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 1417 މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެއެވެ. ހަމަލާތަކުގައި ޒަހަމްވީ މީހުންގެ އަދަދު މިހާރު ވަނީ 6000 އިން މައްޗަށް އަރާފައެވެ.

ޣައްޒާގައި ތިބި ނޫސްވެރިން ބުނާ ގޮތުގައި ޣައްޒާއަށް ދަނީ މެދުނުކެނޑި ހުރިހާ ދިމާލަކުން ބޮމުގެ ހަމަލާތައް އަމާޒުވަމުންނެވެ. އިސްރާއީލުން ވަނީ ޣައްޒާ އެއްކޮށް ބަންދުކޮށްލައި، ޣައްޒާއަށް ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، ތެޔޮ ނުލިބޭނެ ގޮތްވެސް ހަދާފައެވެ. އަދި ޣައްޒާގައި ހުންނަ ހަމައެކަނި އިންޖީނުގެއިން ތެޔޮ ހުސްވުމުގެ ސަބަބުން އިއްޔެއްސުރެ ޣައްޒާއިން ވަނީ ކަރަންޓު ކެނޑިފައެވެ. ހޮސްޕިޓަލުތައް ޖަނަރޭޓަރު ތަކުގެ އެހީގައި ހިންގަމުން އަންނަ އިރު، ޖަނަރޭޓަރުތައްވެސް މާ ގިނަ ދުވަހު މަސައްކަތް ނުކުރާނެ ކަމަށް ހޮސްޕިޓަލުތަކުންވެސް ވަނީ އިންޒާރު ދީފައެވެ. މިހާރުވެސް މޯޗަރީތައް ފުރި ބައެއް ހޮސްޕިޓަލުތަކުގެ ބޭރުގައިވެސް ޝަހީދުވެފައިވާ މީހުންގެ ހަށިތައް ބަހައްޓާފައިވެއެވެ.