ޗައިނާއިން ހަމާސްގެ ހަމަލާތައް ކުށްޥެރި ނުކުރާތީ ޔަހޫދީ ދައުލަތުން ހިތްހަމަނުޖެހި ޝަކުވާ ކޮށްފިއެވެ.

މެދު އިރުމައްޗަށް ކަނޑައަޅާފައި ހުންނަ ޗައިނާގެ ސަފީރަށް ގުޅައި، މިދިޔަ ހޮނިހިރު ދުވަހު ހަމާސް އިން ޔަހޫދީންނަށް ދިން ކުއްލި ހަމަލާ ޗައިނާއިން އެކަށީގެންވާ ވަރަށް ކުށްވެރި ކޮށްފައި ނުވާތީ، އެކަމުގެ ނުރުހުން ފާޅުކޮށްފައިވާނެ ކަމަށް ޔަހޫދީންގެ ހާރިޖީ ވުޒާރާއިން މިއަދު ވަނީ ބުނެފައެވެ.

"ހަމާސް ޖަމާއަތުން މައުސޫމު އާންމުންނާއި ދެކޮޅަށް ހިންގި ގަތުލުއާންމާއި، އެތައް ބަޔަކު ރަހީނު ކޮށްގެން ޣައްޒާއަށް ގެންދިޔަ ގެންދިއުން، ޗައިނާއިން މިފަހުން ނެރުނު އެއްވެސް ބަޔާނެއްގައި އަދި ކުރި އެއްވެސް އިއުލާނެއްގައި ސާފު އަދި ސީދާ ގޮތެއްގައި ކުށްވެރި ކޮށްފައި ނުވާތީ، އެކަމާއި މެދު ޔަހޫދީން ހިތާމަ ކުރާކަން ސަފީރު ވަނީ ހާމަކޮށްފައި.". ޔަހޫދީންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ޔަހޫދީންނަށް އަމިއްލަ ދިފާއުގައި ތެދުވުމުގެ ހައްގު ލިބިގެން ވާކަންވެސް ޗައިނާގެ އެއްވެސް ބަޔާނެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

"ޔަހޫދީންނަށް އަމިއްލަ ދައުލަތާއި ރައްޔިތުންގެ ދިފާއުގައި ތެދުވުމުގެ ހައްގު ލިބިގެންވާކަން ބަޔާން ކުރާ އެއްވެސް ވާހަކައެއްވެސް ޗައިނާއިން ބުނެފައެއް ނުވޭ. އެއީ އިންސާނީ މުޖުތަމައުގައި ޖާގަ ނުދެވޭނެ ފަދަ ލާއިންސާނީ ހަމަލާ އެއް ދީފައިވާ ކޮންމެ މިނިވަން ދައުލަތެއްގެ އަސާސީ ހައްގެއް.". ބުނެފައި ވެއެވެ

ހުރިހާ ފަރާތަކުންވެސް ވަގުތުން ހަމަލާދިނުން ހުއްޓާލުމަށް ޗައިނާއިން ވަނީ މިދިޔަ އާދީއްތަ ދުވަހު ގޮވާލާފައެވެ. ނަމަވެސް ސީދާ ގޮތެއްގައި ހަމާސްގެ ހަމަލާތައް ޗައިނާއިން ކުށްވެރިކޮށްފައި ނުވާއިރު، އެގައުމުން ވަނީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ދެ ދައުލަތުގެ ހައްލަށް އަލިއަޅުވާލާފައެވެ.

”ޔަހޫދިންނަށް ދިމާވެފައިވާ އުނދަގޫ ހާލަތުގައި ޗައިނާއިން އިސްރާއީލަށް ހަމްދަރުދީ އަދި ތާއީދު ހާމަކޮށްފައި ނުވާތީ އެކަމާއި މެދު ހިތާމަ ކުރާ“ ކަމަށް އެމެރިކާގެ ސެނެޓްގެ މެޖޯރިޓީ ލީޑަރު ވެސް ވަނީ ބުނެފައެވެ.

ޔަހޫދީން މިދިޔަ ހޮނިހިރު ދުވަހުއްސުރެ މެދުނުކެނޑި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 1500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 6500 އަށްވުރެ ގިނަމީހުން ވަނީ ޒަހަމްވެފައެވެ. އަދި 4 ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި ވަނީ މަގުމަތިވެފައެވެ.