މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއާއި އަދި ދެމުން ގެންދާ ހަމަލާތަކުގެ ފަހަތުގައި އޮތީ އިރާނު ކަމަށް އިސްރާއީލުން ބުނެފިއެވެ.

ހަމާސްއިން ދިން ހަމަލާތަކުގެ ފަހަތުގައި އިރާނުގެ އަތެއް ވާކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ޔަހޫދީ ދައުލަތުގެ ދިފާއީ ވަޒީރު ޔޮއާވް ގަލެންޓް ބުނެފައިވަނީ އެކަން މުހިންމު ނޫން ކަމަށާއި އެ ހަމަލާގެ ހިޔާލަކީ އިރާނުގެ ހިޔާލެއް ކަމަށެވެ.

އަދި ހުރިހާ ކަމެއްވެސް އަންނަނީ އިރާނުގެ ފަރާތުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

“އިރާން، ހިޒްބުﷲ އަދި ހަމާސް މިއީ ހަމަ އެއް ބައެއް، އެއީ ނުބައި ބައެއް. ހުރިހާ ކަމެއްވެސް އާންމު ގޮތެއްގައި މި އަންނަނީ އިރާނުން. ހުއްދަ ދެނީ އިރާނުން. މާލީ އެހީ ފޯރުކޮށްދެނީ އިރާނުން، އަދި މިހުރިހާ ހިޔާލުތަކެއްވެސް އުފެދިގެން ދަނީ އިރާނުން.” އެމެރިކާގެ ދިފާއީ ސެކެޓްރީ ލޮއިޑް އޮސްޓިން އާއި އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލެންޓް ބުނެފައި ވެއެވެ.

އިރާނުން ވަނީ ހަމާސް އިން ދިން ހަމަލާއަށް ތައުރީފު ކޮށްފައި ނަމަވެސް، ހަމަލާގައި ބައިވެރިވެފައިވާ ކަމުގެ ވާހަކަތައް އިރާނުން ދޮގު ކުރެއެވެ.

އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ހަމަލާތައް ދެމުން ގެންދާއިރު، އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ގޮތުން އިރާނުގެ ޚާރިޖީ ވަޒީރު ހުސެއިން އަމީރަބްދުއްލާހިއަން ވަނީ މިއަދު ހިޒްބުﷲ ގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ އާއި ބައްދަލު ކުރައްވާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކުގެ ރައްދު ލިބޭނެ ކަމަށާއި އިސްރާއީލަށް ޖެހޭނީ އެކަމުގެ ނަތީޖާއާއި ކުރިމަތިލާން ކަމަށްވެސް އިއްޔެ ހުސައިން ވަނީ ވިދާޅުވެފައެވެ.

މިހާރު އިސްރާއީލުން ވަނީ ސަލާމަތުން ތިބެން ބޭނުންނަމަ، މިރޭގެ ނިޔަލަށް ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1 މިލިއަނަށް ވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ބަދަލުވާން އަންގައި އިންޒާރު ދީފައެވެ.

”ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ދެކުނަށް ދޭ. އަހަރެމެން ހަމާސްގެ ހުރިހާ ތަނަކާއި އެމީހުންގެ މައި އޮފީސްތަކާއި، އަސްކަރީ ހުރިހާ ތަނެއް ސުންނާފަތިކޮށް އެމީހުން ޣައްޒާއިންނާއި މުޅި ދުނިޔޭންވެސް ފޮހެލާނަން.” ގަލެންޓް ބުނެފައިވެއެވެ.

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 1800 އެއްހާ މީހުން ޝަހީދުވެފައި ވާއިރު، 6500 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، 4 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެ

    ކަލޭމެންނަށް ކާން ދެނީ އެމެރިކާ، ފައިސާ ދެނީ އެމެރިކާ، ހަތިޔާރު ދެނީ އެމެރިކާ، ކަލޭމެންނަށް އޮތީ ނަރަކަ.

    50
    1
  2. ޖުހާ.

    ޝުކުރިއްޔާ އިރާނު. ޝުކުރިއްޔާ އިރާނު. އިރާނު މިހާރު ތިއަ ބަލިކުރީ ތިން ބަލި. ސައްދާމު ވެސް އިރާނާ ދެކޮޅަށް ކެމިކަލް ބޮން ބޭނުންކޮށްގެން ވއސް އިރާނު ބަލިނުކުރެވިގެން ހަނގުރާމަ ހުއްޓާލާފަ ސުލްހަވީ. ޔަމަނުގެ ހޫސީން ސައުދީ ޢަރަބި ކޯލިސަނަށް ބަލިނުކުރެވި އެމެރިކާގެ ޖާސޫސީ މަޢުލޫމާތާއި ޒަމާނީ ހަތިއާރު އަޅިއަށްވީ ހޫސީންނަށް އިރާނު ދިން މަދަދުން. މިހާރު ތިއަ ފަތައިކޮށްލީ އެމެރިކާގެ ދޮންދަރި އިޒްރޭލު.ނޔޫކުރޭނުގައި ޒެލެންސްކީ ވެސް ސައިޒްކުރީ އިރާނުގެ ސުއިސައިޑް ޑުރޯންތައް ބޭނުންކޮށްގެން. މިއަދު އިރާނަކީ ދުނިޔޭގެ ސުޕަރޕަވަރު. ގަބޫލުކުރިއަސް ނުކުރިއަސް މިއީ ފެންނަން އޮތް ހަގީގަތް. އީރާނު ޒިންދާބާދު.

    22
    2