ޔަހޫދީ ދައުލަތުން ދިން ހަމަލާއެއްގައި ލުބްނާންގައި ހަރަކާތްތެރިވަމުން ދިޔަ ރޮއިޓާސްގެ ނޫސްވެރިއަކު މަރާލައިފިއެވެ.

އެ ނޫސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ލުބްނާނުގެ ދެކުނުގައި މަސައްކަތް ކުރަމުން ދަނިކޮށް ރޮއިޓާސްގެ ނިއުސް ވީޑިއޯގްރާފަރަކު މަރާލާފައިވާ ކަަމަށެވެ.

"އަޅުގަނޑުމެންގެ ވީޑިއޯގްރާފަރު އީސާމް އަބުދުﷲ މަރާލާފައިވާ އެނގުމުން ވަރަށް ހިތާމަކުރަން.". އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އީސާމް މަސައްކަތް ކުރަމުން ދިޔައީ ލުބުނާނުގެ ދެކުނުގައި ހުންނަ ރޮއިޓާސްގެ ކްރޫއެއްގެ ގޮތުގައި ލައިވް ވީޑިއޯ ސިގްނަލް ދެމުން ދިޔަ މީހެއްގެ ގޮތުގައި ކަމަށެވެ.

އަދި އެ ހާދިސާއާ ގުޅިގެން މިހާރުން މިހާރަށް އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާއިރު، އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އީސާމްގެ އާއިލާއަށާއި އެކުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.

މި ހަމަލާގައި ރޮއިޓާސްގެ ނޫސްވެރިން ކަމަށްވާ ތޭރް އަލް ސޫދާނީ އާއި މަހެރް ނަޒީހު އަށް ވެސް އެކިވަރުގެ އަނިޔާތަކެއް ވަނީ ލިބިފައެވެ.