އިސްރާއީލުން ފަލަސްތީނު ޣައްޒާ އަށް ބޮން އަޅައި އެންމެ ހަތް ދުވަހުގެ އަންހެން ކުއްޖަކު މިއަދު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަހީދުކޮށްލީ ފަލަސްތީނަށް އުފަން ނަބީލަ ނޫފަލް ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ޝަހީދުވެފައި އޮތް މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ މީސް މީޑިއާގައި އާންމުވަމުންނެވެ.

އިސްރާއީލްގެ އަސްކަރީ ޖެޓްތަކުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި މިހާތަނަށް އައިއިރު، 1،799 މީހުން ޝަހީދުކޮށްލި އިރު، 6،388 މީހުން ޒަހަމްވެފައިވެއެވެ. އޭގެ ތެރެއިން 500 އެއްހާ ކުޑަކުދިން ޝަހީދުވެފައިވާ އިރު، ގިނަ ކުޑަކުދިންތަކަކަށް ވަނީ އަނިޔާ ލިބިފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، ބައެއް ކުޑަކުދިންގެ ފަޔާއި އަތް ފަދަ ތަންތަން ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ބައެއް ކުދިންގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެ، ފުރާނަ ވަނީ ނުރައްކާތެރި ހާލަތެއްގައެވެ. ސީރިއަސްވި ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމާ މެދުގައި ވެސް ޝައްކެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާއި ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

މިހަމަލާ ބަދަލު ކުރުންތައް އަދިވެސް ކުރިއަށްދާއިރު، އިސްރާއީލުން ވެސް ދާދި ފަހުން ރަސްމީކޮށް، ހަނގުރާމަ އިއުލާނުކޮށް ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން އިންޒާރަކާއި ނުލައި އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ބޮން އަޅައި ފަށައިފައެވެ. އިސްރާއީލުން ބުނަމުން ދަނީ މިފަހަރު ހަމާސްގެ އެއްވެސް މުޖާހިދެއް ސަލާމަތުން ދުނިޔޭގައި ތިބިޔަ ނުދޭނެ ކަމަށެވެ. އެކަމަކު، ފެންނަނީ އެމީހުންނަށް ހަމަލާ ދިނުމުގެ ބަދަލުގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް ހަމަލާދޭ މަންޒަރެވެ.

އިސްރާއީލް އާއި ފަލަސްތީނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ އެއްވެސް ކޮޅެއް އަދި ނުފެނެއެވެ.