ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ބޮޑެތި ޒަހަމްތަކާ ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ރައްކާތެރިކަމާއެކު ހޮސްޕިޓަލުން ނެރެވޭނެ ގޮތެއް ނެތް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން އެގޮތަށް ބުނެފައި ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނުގެ ހުރިހާ އެންމެން އެ ސަރަހައްދުން ދިއުމަށް އިއްޔެ އިންޒާރު ދީފައި ވަނިކޮށެވެ. އިސްރާއީލުން ދީފައި ވަނީ އެންމެ 24 ގަޑިއިރުގެ މުއްދަތެކެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

މި ހަނގުރާމައާ ގުޅޭގޮތުން ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމައިގައި ޒަހަމްވާ މީހުންނަށް ފަރުވާދިނުމުގައި ޣައްޒާގެ އުތުރުގެ ސަރަހައްދު ތަކުގެ ހޮސްޕިޓަލްތައް ފުރިބާރުވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށްފަހު ރައްކާތެރިކަމާއެކު ހޮސްޕިޓަލްތަކުން ނެރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިސްރާއީލް ސިފައިންގެ އެންގުމާ އެއްގޮތަށް 24 ގަޑިއިރު ތެރޭގައި 1.1 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދު ދޫކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫންކަމަށާއި ހޮސްޕިޓަލްތައް ހުސްކުރުމަކީ ނުވާނެ ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ހޮސްޕިޓަލްތަކުގައި އެތައް ހާސް ބަޔަކު ފަރުވާ ހޯދަމުންދާއިރު އޭގެތެރޭގައި އެތައް ސަތޭކަ ބަޔަކު ވަރަށް ބޮޑަށް ޒަޚަމްވެ، ކްރިޓިކަލް ކެއާ ބޭނުންވާ 100 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ޑަބްލިއުއެޗްއޯގެ ބަޔާނުގައިވެއެވެ.

އަދި ހަމައެއާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ދަތުރުފަތުރުގެ ނިޒާމެއް ނެތި، ހަލާކުވެފައިވާ މަގުތަކުގެ ތެރެއިން، އަދި ހަމަލާތަކުގެ މެދުން ދަތުރު ކުރުމަށް މަޖުބޫރުކުރަމުން ދާއިރު މިއީ ވަރަށްވެސް ނުރައްކާތެރި ހާލަތެއްކަން އެޖަމިއްޔާއިން ބުނެއެވެ. ކްރިޓިކަލް ހާލަތުގައި ތިބި މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަގުމަތީ ދޭން ޖެހޭނެ ފަރުވާ ދެވެން ނެތްކަމަށާއި އެތައް ބަޔަކު ގެތައް ދޫކޮށްދިއުމަށް އަންގާފައިވާއިރު ގެއިން ބޭރަށް ނުކުތުމަށްވެސް ނުރައްކާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ޑަބްލިޔުއެޗްއޯގެ މިބަޔާނުގައި ޣައްޒާގެ ރައްޔިތުންނަށް އަޅާފައިވާ ހުރަސްތައް ނައްތާލައި، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމަށް އިސްރާއީލަށް ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ އިންޒާރާއެކު ޣައްޒާ ސިޓީން ދެކުނަށް ދަތުރު ކުރަމުންދިޔަ މީހުންނަށްވެސް ހަމަލާ ދީ 70 މީހުން ޝަހީދު ކޮށްލާފައިވާކަމަށް ހަމާސް އިން ވަނީ ބުނެފައެވެ. އަދި މިހާރުވެސް ދަތުރު ކުރަމުންދާ މީހުންނަށް އިސްރާއީލުން ހަމަލާ ދެމުން ގެންދާ ކަމަށް އެމީހުންނާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ.