އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު 1،900 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 7،696 މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އެގޮތުން މިހާތަނަށް އައިއިރު ކުށެއް ނެތް 614 ކުދިން ޝަހީދުވި އިރު، އިސްރާއީލްގެ "ވަކިތަކުގެ" ދަށުވެ، ދުނިޔެ ދޫކުރި ގިނަ މީހުންނަކީ ކުށެއް ނެތް މީހުންނެވެ. އަދި 370 އަންހެނުން ވެސް ޝަހީދުކޮށްލާފައިވެއެވެ.

ޒަހަމްވި މީހުންގެ ތެރޭގައި 1،400 އަށް ވުރެ ގިނަ އަންހެނުންނާއި 2،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 15 މެޑިކަލް ސްޓާފުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 27 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. މީގެއިތުރުން 23 އެމްބިއުލާންސާއި މެޑިކަލް ވެހިކަލްތަކަށް ގެއްލުން ދިން އިރު، 15 މެޑިކަލް ފެސިލިޓީއަކަށް ވެސް ގެއްލުންދީފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ޣައްޒާގައި އަނިޔާވެގެން ހޮސްޕިޓަލްތަކަށް ފަރުވާ ހޯދަން ދާ މީހުންގެ އަދަދު އިންތިހާ އަށް ވަނީ އިތުރުވެފައެވެ. އެހެންވެ، ހޮސްޕިޓަލްތަކުގައި ހިދުމަތް ދިނުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ތެޔޮ ލިބޭނެ ގޮތެއް ނެތިގެން، ކަރަންޓުގެ ހިދުމަތް ކެނޑޭނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާއި ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

މިހަމަލާ ބަދަލު ކުރުންތައް އަދިވެސް ކުރިއަށްދާއިރު، އިސްރާއީލުން ވެސް ދާދި ފަހުން ރަސްމީކޮށް، ހަނގުރާމަ އިއުލާނުކޮށް ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. އެގޮތުން އިންޒާރަކާއި ނުލައި އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ދަނީ ބޮން އަޅަމުންނެވެ.

އިސްރާއީލުން ބުނަމުން ދަނީ މިފަހަރު ހަމާސްގެ އެއްވެސް މުޖާހިދެއް ސަލާމަތުން ދުނިޔޭގައި ތިބިޔަ ނުދޭނެ ކަމަށެވެ. އެކަމަކު، ފެންނަނީ އެމީހުންނަށް ހަމަލާ ދިނުމުގެ ބަދަލުގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް ހަމަލާދޭ މަންޒަރެވެ.

އިސްރާއީލް އާއި ފަލަސްތީނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ އެއްވެސް ކޮޅެއް އަދި ނުފެނެއެވެ.