އިސްރާއީލްގެ އިންޒާރާ އެކުގައި، ފަލަސްތީނުގެ ޣައްޒާގެ އުތުރު ސަރަހައްދު ދޫކޮށް ޣައްޒާގެ ދެކުނަށް ދިޔަ މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން ރައްޔިތުންނަށް ވަރުގަދަ އިންޒާރެއް އިއްޔެ ދީފައެވެ. އެ އިންޒާރަކީ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރުގައި ތިބި ރައްޔިތުން އެ ސަރަހައްދުން ފޭބުމަށް ދިން އިންޒާރެވެ. އިސްރާއީލުން ދިން އިންޒާރުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އޭރުވެސް އިސްރާއީލްގެ އަސްކަރީ ޖެޓްތަކުން ދިޔައީ ޣައްޒާ އަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ.

އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނީ މިހާތަނަށް އައިއިރު، ޣައްޒާގެ ދެކުނަށް ދިޔަ މީހުންގެ އަދަދު 10،000 އަށް ވުރެ ގިނަ ވާނެ ކަމަށެވެ. އޯސީއެޗްއޭ އިން ބުނީ އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް އައިއިރު، ފަލަސްތީނުގެ 400،000 އަށް ވުރެ ގިނަ މީހުން މަގުމަތިވެފައިވާ ކަމަށެވެ. އެމީހުން ހިޔާވަހިކަން ހޯދަމުން ދަނީ ޣައްޒާގައި ހުރި ސްކޫލްތަކާއި އެ ނޫން ވެސް ބޮޑެތި ހުސް ބިންތަކުންނެވެ.

އެކަމަކު، އެ ތަންތަނަކީ ވެސް ޣައްޒާގެ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަނަކަށް ނުވެއެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ހިތަށް އެރި ދިމާލަކަށް ބޮން އަޅަމުންދާ އިރު، ކުށެއް ނެތް ފަލަސްތީނުގެ އެތައް ބަޔަކު މިހާތަނަށް އައިއިރު ވަނީ ޝަހީދުކޮށްލައިފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 1،900 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 7،696 މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އެގޮތުން މިހާތަނަށް އައިއިރު ކުށެއް ނެތް 614 ކުދިން ޝަހީދުވި އިރު، 370 އަންހެނުން ވެސް ވަނީ ޝަހީދުވެފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުން ސަލާމަތްތެރިކަމާއެކުގައި ޣައްޒާގެ ދެކުނަށް ދިއުމަށް ދެ މަގެއް ބޭނުން ކުރެވޭނެ ކަމަށެވެ.

"ފަލަސްތީނު ރައްޔިތުންނަށް ދެ މަގެއް ބޭނުން ކުރެވޭނެ ދެކުނަށް ދާން. އެއީ އަލް ބަހްރް އަދި ސަލަހް އަލް ދީން." އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދްރާއީ ބުނެފައިވެއެވެ.

"ތިމާގެ ރައްކާތެރިކަމަށާއި ލޯބިވާ މީހުންގެ ރައްކާތެރިކަމަށް ވިސްނާ ނަމަ، އިރުޝާދު ދީފައިވާ ގޮތަށް ދެކުނަށް ދޭ،" އަރަބިން ލިޔުނު މެސެޖެއްގައި އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވެއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާއި ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

އިސްރާއީލް އާއި ފަލަސްތީނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓުމަކަށް އަންނާނެ އެއްވެސް ކޮޅެއް އަދި ނުފެނެއެވެ. ބެލެވޭ ގޮތުގައި އިސްރާއީލުން މިހާރު ތައްޔާރުވަމުން ދަނީ އެއްގަމު މަގުން ޣައްޒާ އަށް އެރުމަށެވެ. ޣައްޒާ ވަށައިގެން ބަރު ހަތިޔާރާ އެކުގައި އިސްރާއީލްގެ ސިފައިން ތިބީ ތައްޔާރީ ހާލަތުގައެވެ.