އިސްރާއިލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ މި ދަނޑިވަޅު އިސްރާއިލުގައި ހުންނަ އަލްޖަޒީރާގެ ބިއުރޯ ބަންދުކުރަން އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމާ ކަހްރީ ބުނެފިއެއެވެ.

ހުޅަނގުގެ ހުރިހާ މީޑިއާތަކުން އިސްރާއިލާ އެއްކޮޅަށް ހަބަރުތައް ގެނެސްދިން ނަމަވެސް އަލް ޖަޒީރާއިން އެގޮތަކަށް ހަބަރެއް ނުގެެނެސްދެއެވެ.

އަދި އަލް ޖަޒީރާއިން ދަނީ އިސްރާއިލުގެ އަނިޔާތައް މުޅި ދުނިޔެއަށް ހާމަކޮސް ހަަބަރުތައް ގެނެސްދެމުންނެވެ.

އިސްރާއިލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ބުނީ އަލްޖަޒިރާއިން ހަބަރުތައް ގެނެސްދޭ ގޮތުން އިސްރާއިލުގެ ސިފައިންނަށް ހަމަލާތައް އަމާޒުވަމުންދާ ކަމަށެވެ.

އެހެންވެ އަލް ޖަޒީރާގެ ބިއުރޯ ބަންދުކުރަން ކެބިނެޓްއަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ބުންޏެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2200 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، 8500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާ ބަންދުކޮށް، ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ތަކެތި ލިބޭނެ މަގުތައްވެސް ބަންދުކޮށްފައެވެ.

އިސްރާއިލުން ގައްޒާއަށް ވަރުގަދަ ހަމަލާތަކާއެކު އިސްރާއިލުގެ ސިފައިން މިހާރު ދަނީ ގައްޒާއަށް އެރުމަށް ތައްޔާރުވަމުން ނެވެ. އެގޮތުން 10،000 އަށް ވުރެ އިސްރާއިލުގެ ސިފައިން ގައްޒާއަށް ފޮނުވަން ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްރާއިލުން މިހާރު ވަނީ ގައްޒާގެ އުތުރުގައި ތިބޭ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް އަންގައިފައެވެ.