ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަށް އަނިޔާވެރިވަމުން އަންނަ އިސްރާއީލްގެ އަސްކަރިއްޔާއާ ދެކޮޅަށް ތެދުވުމަށް މިސްރުގެ އެންމެ ދުވަސްވީ ޔުނިވަސިޓީ ކަމަށްވާ އަލް އަޒްހަރު ޔުނިވާސިޓީން މުޅި އިސްލާމީ އުންމަތަށް ގޮވާލައިފިއެވެ.

އެ ޔުނިވާސިޓީން ބުނިގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގްވާމީ މިންގަނޑަކުން ތަހްގީގު ކުރަން ޖެހޭ އަމަލުތަކެއް ކަމަށެވެ.

އަޒްހަރުން އަރަބި އިސްލާމީ ގައުމަތަކަށް ގޮވާލާފައި ވަނީ އެ ބައިމީހުންގެ ދީނީ އަދި ތާރީޚީ ވާޖިބު އަދާ ކުރުމަށެވެ. އަދި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

" އާންމުންނަށް އަމާޒުކޮށް ހަމަލާދިނުން، ޚާއްސަކޮށް އެމީހުންގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭނެ، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނަށް އަންހެނުންނަށް ހަމަލާދިނުމާއި، ސިއްޚީ ފަރުވާދޭ ހޮސްޕިޓަލް ތަކަށާއި، ބާޒާރުތަކަށާއި، އެމްބިޔުލާންސް، މިސްކިތް އަދި އާންމުން ވަގުތީ ހިޔަލުގެ ގޮތަގައި ބޭނުން ކުރަމުންދާ ސްކޫލްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫނު ތަކުންވެސް މަނާކޮށްފައިވާ ކަމެއް" އަޒްހަރުން ބުނެފައިވެއެވެ.

އަޒްހަރުން ވަނީ ހުޅަނގުގެ ގައުމުތަކުން ސުވާލުކުރުމެއް ނެތި ޔަހޫދީންނަށް ވަމުންދާ ބޮޑެތި އެހީތަކަށް އެ ގައުމުތަކަށް ފާޑު ކިޔައިފައެވެ.

މީގެ އިތުރުން ހުޅަނގުގެ މީޑިއާ ތަކުން ފަލަސްތީނުގެ މައްސަލައިގެ ހަގީގަތް އޮޅޭފަދަ ފިތުނަވެރި ދޮގު ހަބަރުތައް ފެތުރުމާއި ފަލަސްތީނާ މެދު ހަދަމުންދާ ދޮގު ތަކަކީ މިނިވަން މީޑީއާގެ އުސޫލެއް ކަމަށް ދައްކަން އުޅޭ ދެއްކުމާއި މެދު ވެސް އަޒްހަރުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ޢައްޒާއަށް ފޯޜުކޮށްދެމުން އައި ކަރަންޓާއި ފެން ފަދަ ޒަރޫރީ ޚިދްމަތްތައް ކަނޑާލުމާއި އަދި ހަމަލާ ދިނުމަށް އެންމެ ބާރުގަދަ ގެއްލުން ދެނިވި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމާއި ކާބޯތަކެއްޗާއި ޙާލުގައި ޖެހިފައިތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ މަގު ބަންދު ކުރުމަކީ އިންސާނިއްޔަތާއި ޚިލާފު ގެއްލުންދެނިވި އަމަލު ތަކެއް ކަމުގައި އަޒްހަރުން ވަނީ ސިފަކޮށްފައެވެ.