ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލްގެ ތިން ސިފައިން މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މިރޭ ބުނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީންގެ ހަމާސް ޖަމާއަތާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އިސްރާއީލް އަސްކަރިއްޔާގެ ތިން ސިފައިން މަރާލާފައިވާ ކަމަށެވެ. އެއާއެކު، މަރާލި ސިފައިންގެ އަދަދު ވަނީ 280 އަށް އަރައިފައެވެ.

މަރާލާފައި ވަނީ އުމުރުން 57 އަހަރުގެ މީހަކާއި 51 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،300 އަށް ވުރެ ގިނަ ޔަހޫދީން ވަނީ މަރާލައިފައެވެ. މި ހަމަލާތަކުގައި 3،842 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ 369 މީހުންނަށެވެ. އަދި 90 މީހެއްގެ ހާލު ސީރިއަސް އިރު، 191 މީހުންގެ ހާލު ގޯސް ނޫން ކަމަށާއި 89 މީހަކަށް ލިބިފައި ވަނީ ކުދި ކުދި އަނިޔާތަކެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.