އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 1،600 އަށް މިރޭ އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައިއިރު، އިސްރާއީލްގެ ވައިގެ މަގުން ދިން ހަމަލާތަކުގައި 2،670 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން 700 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ޝަހީދުވެފައިވެއެވެ.

އަދި 9،600 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާއި ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

މިހަމަލާ ބަދަލު ކުރުންތައް އަދިވެސް ކުރިއަށްދާއިރު، ހަނގުރާމަ ހުއްޓާލުމުގެ ކޮޅުމައްޗެއް އަދިވެސް ނުފެނެއެވެ. އަނެއްކޮޅުން އިސްރާއީލް ސިފައިން ދަނީ އެއްގަމު މަގުން ޣައްޒާ އަށް އެރުމަށް ތައްޔާރުވަމުންނެވެ. އެމީހުން އެއްގަމު މަގުން ޣައްޒާ އަށް އަރާނެ ވަކި އިރެއް ނުބުނި ނަމަވެސް، އިސްރާއީލްގެ ޓޭންކުތަކާއި އެހެނިހެން އުޅަނދުތައް ބަރު ހަތިޔާރާ އެކުގައި ޣައްޒާ ބޯޑަރު ސަރަހައްދަށް ވަނީ ޖަމާވެފައެވެ.

އިސްރާއީލުން ބުނަމުން ދަނީ މިފަހަރު ހަމާސްގެ އެއްވެސް މުޖާހިދެއް ސަލާމަތުން ދުނިޔޭގައި ތިބިޔަ ނުދޭނެ ކަމަށެވެ. އެކަމަކު، ފެންނަނީ އެމީހުންނަށް ހަމަލާ ދިނުމުގެ ބަދަލުގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް ހަމަލާދޭ މަންޒަރެވެ.