މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ކޮންމެ 10 މިނެޓަކުން ޣައްޒާގެ ކުއްޖަކު ޝަހީދުވަމުންދާ ކަމަށާއި މި އަދަދު އަދިވެސް އިތުރުވަމުންދާ ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން އިއްޔެ ބުނެފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ބޮން އަޅައި ޣައްޒާ އަށް ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް އައިއިރު، 9،485 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ. އެގޮތުން 3،900 ކުޑަކުދިންނާއި 2،430 އަންހެނުން ޝަހީދުވެފައިވެއެވެ. މި ހަމަލާތަކުގައި 3،155 ފިރިހެނުން ޝަހީދުވެފައިވެއެވެ.

ހަނގުރާމައިގައި ފަލަސްތީނުގެ 1،006 އާއިލާއެއް ދުނިޔެ އިން ފުހެލި!

ޣައްޒާގެ މީޑިއާ އޮފީހުގެ ވެރިޔާ ސަލާމާ މާރޫފް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ވިދާޅުވީ ޣައްޒާގައި ކޮންމެ 10 މިނެޓަކު އެއް ފަހަރު ކުއްޖަކު ޝަހީދުކޮށްލާ ކަމަށެވެ.

"ކޮންމެ 10 މިނެޓަކުން އެއް ކުއްޖަކު މަރާލާ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 24،158 މީހުންނަށް އަނިޔާވެފައިވެއެވެ. އިސްރާއީލުގެ ވައިގެ ހަމަލާތަކަކީ ވަކި މީހަކަށް ބެލުމެއް ނެތި ދޭ ހަމަލާތަކެއް ކަމަށާއި ޕެރަމެޑިކްސް އާއި ނޫސްވެރިންނަށް އަމާޒުކޮށް ވެސް ހަމަލާދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނި ގޮތުގައި މި ހަނގުރާމައިގައި 46 ނޫސްވެރިޔަކު ވަނީ މަރުވެފައެވެ. މާރޫފް ވިދާޅުވީ ޚާއްސަކޮށް ސިއްހީ ދާއިރާއަށް "އެތައް ގެއްލުންތަކެއް ލިބުނު" ކަމަށާއި އިސްރާއީލުގެ ނިރުބަވެރިން ދޭ ހަމަލާތަކުގައި 16 ހޮސްޕިޓަލެއްގެ އިތުރުން އިތުރު 32 މެޑިކަލް ކެއާ ފެސިލިޓީއެއް ވެސް ހިދުމަތް ހުއްޓިފައިވާ ކަމަށެވެ.

މީގެއިތުރުން 27 އެމްބިއުލާންސް ހަލާކުވެފައިވާ އިރު، ވައިގެ ހަމަލާތަކުގައި ނުވަތަ ބޮންއެޅުމުގެ ސަބަބުން 105 މެޑިކަލް ފެސިލިޓީއަކަށް ގެއްލުން ލިބިފައިވެއެވެ. އަދި އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ ތިން ޔުނިވަސިޓީއަކަށް ހަމަލާ ދީފައެވެ.

މި ހަމަލާތަކުގައި 8،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިމާރާތްތައް ވަނީ ފަޅުވެފައެވެ. ގާތްގަނޑަކަށް 220،000 އެއްހާ ރެސިޑެންޝަލް ޔުނިޓް ވަނީ މުޅިން ހަލާކުވެފައެވެ. އިތުރު 40،000 ރެޒިޑެންޝަލް ޔުނިޓްގެ ބައެއް ތަންތަން ހަލާކުވެ، ދިރިއުޅެވޭ ގޮތެއް ނެތެވެ.

އިސްރާއީލުން 220 ސްކޫލް އިމާރާތަކަށް ހަމަލާ ދީފައިވާ އިރު، 60 ސްކޫލެއްގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި ސަރުކާރުގެ 88 އިމާރާތަކާއި 55 މިސްކިތަކާއި ތިން ފައްޅިއެއް ވަނީ ހަލާކުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްލު

    ޔަހޫދީ އިޒްރޭލާއި އެމީހުންގެ އައުވާނުން ފަލަސްތީނުގައި އެހިންގާ ޖަރީމާތައް ވަގުތުން ވަގުތަށް ގެނެސްދޭ ހަމައެކަނި ނޫހަކީ ވަގުތު ނޫސް... އެކަމަށްޓަކައި ނިހާޔަތަށް ޝުކުރުދަންނަވަން..... ދެން އެހިންގާ ނޫސްތަކަށް ފަލަސްތީނުގެ މައްސަލައަކީ މާބޮޑު ކަމަކަށްނުވާ ކަހަލަ... އެނޫން ކޫސަނި ހަބަރުތައް ބްރޭކިން ހަދައިގެން ލިޔާއިރު.... މިކަހަލަ ކަންތަކުންވެސް މުނާފިގުން ވަކިވާނެ...