މިދިޔަ މަހުގެ ތެރޭގައި އަވަށްޓެރި އިންޑިޔާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓަށް ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވުމުގެ ސަބަބުން، އެސަރަޙައްދުގައި ގައިންގަޔަށް އަރާ ބަލިތައް، ހަލުވި މިނެއްގައި ފެތުރެމުން އެބަދެއެވެ. ހަލުވި މިނެއްގައި ބަލިތައް ފެތުރެމުންދާއިރު، ދެ ހަފްތާ ދުވަހުގެ މުއްދަތެއްގައި 50 މީހުން މަރުވެފައިވެއެވެ.

އިންޑިޔާގެ ޑައިރެކްޓްރޭޓް އޮފް ހެލްތު އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކެރެލާގައި ފެތުރެމުންދަނީ މައިގަނޑު ތިން ބައްޔެކެވެ. އެއީ، ލެޕްޓޮސްޕިރޯސިސް، ޑެންގީ އަދި މެލޭރިއާ އެވެ. މި ބަލިތަކުގެ ތެރެއިން ލެޕްޓޮސްޕިރޯސިސް އަކީ މީދަލުގެ ޒަރީއާއިން ޖެހޭ ބައްޔެއްކަމަށްވާއިރު، އަނެއް ދެ ބައްޔަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކެކެވެ.

ޞިއްޙީ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުން އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަމުންދަނީ ލެޕްޓޮސްޕިރޯސިސްގެ އަލާމާތްތަކަށެވެ. އެގޮތުން، އޯގަސްޓު 15 އިން ފެށިގެން އިއްޔެ ނިޔަލަށް، 159 މީހަކު، މި ބަލި ޖެހިގެންވަނީ ދައްކާފައެވެ. ހަމައެހެންމެ، 104 މީހަކު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު 50 މީހަކަށް މެލޭރިޔާ ޖެހިގެންވަނީ ރިޕޯޓުކޮށްފައެވެ.

ލެޕްޓޮސްޕިރޯސިސް ޖެހިގެން ރިޕޯޓުކުރާ ބަލި މީހުންގެ ޙާލަތު، ދެ ދުވަސް ނުވަތަ ތިން ދުވަހުގެ ތެރޭގައި ސީރިޔަސް ޙާލަތަށް ދާކަމަށާއި، މިކަމުގެ ސަބަބުން ބަލި ޖެހިފައިވާ ފަރާތްތަކުގެ ފުއްޕާމެއަށް އެތައް ގެއްލުންތަކެއް ލިބޭކަމަށް ހެލްތު ސާވިސް ޑައިރެކްޓްރޭޓް އިން ބުނެފައިވެއެވެ. އަދި، މި ބަލި ޖެހިގެން އަންނަ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވާކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ފެންބޮޑުވުމުގެ ޙާދިސާތަކަށް، ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައިވެސް ބަލިމަޑުކަން އިތުރުވުމަކީ އާއްމު ކަމެކެވެ. އެއީ، ފެންބޮޑުވުމުގެ ސަބަބުން، މަދިރިފަދަ ސޫފާސޫފި ފަނި އަޅަން އިތުރު ތަންތަން ލިބުމާއި، އާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ދަތިވެގެން ދިއުމެވެ.

މިދިޔަ މަހުގެ ތެރޭގައި ކެރެލާ އަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާދިސާތަކުގައި 370 މީހުން މަރުވެފައިވާއިރު، އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަހޫ

    ލެޕްޓޯސްޕިރޯސިސް އަކީ ފުއްޕާމެއަށް ޖެހޭ ބައްޔެއްނޫން ، އޭގެ ސަބަބުން ހަލާކްވާނީ ފުރަމޭ ނުވަތަ ލިވަރ