ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ކައިރީގައި ހުރި ޖަލަކުން 400 އެއްހާ ގައިދީން ފިލައިފިއެވެ.

ލީބިއާގެ ފުލުހުން ހާމަކުރި ގޮތުގައި ޖަލުގައި ތިބި ގައިދީން ޖަލުން ފިލީ، ގަދަ ބާރުން ޖަލުގެ ދޮރުތައް ހުޅުވައިގެންނެވެ. ގައިދީންތައް ޖަލުން ފިލާފައިވަނީ ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކަކަށްފަހު އާދިއްތަ ދުވަހު ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

ފާއިތުވެދިޔަ ހަފްތާގައި އެކަނިވެސް ލީބިއާގެ ވެރިރަށް ޓްރިޕޮލީގައި ހިންގި ހަމަނުޖެހުން ތަކުގައި 47 މީހުން މަރުވެފައި ވާއިރު އާންމުނާއި ހަނގުރާމަވެރިނާއި ހިންގި ކުރުމަތިލުން ތަކުގައި އެތަށް ހާސް ބަޔަކުވަނީ ޒަހަމުވެފައެވެ.

އިއްޔެ ހިންގި މިހާދިސާ އަށް ފަހު ޖަލު ބަލަހައްޓާ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައިދީން ހުއްޓުވަން ޖަލު ބަލަހައްޓާ ފަރާތްތަކަށް ނުކެރުނީ ޖަލު ބަލަހައްޓާ ފަރާތްތަކުގެ ފުރާނައަށް ނުރައްކަލެއް ވެދާނެތީއެވެ.

ލިބިއާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި ޖަލުން ފިލާފައިވާ ގައިދީންނަކީ ލީބިއާގެ ކުރީގެ ޒައީމް ގައްޒާފީގެ ސަޕޯޓަރުންނެވެ.

ލީބިއާގެ ކުރީގެ ޒައީމު މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި ފަހުން ލީބިއާގައި ހަމަޖެހުން ގާއިމް ކުރެވިފައެއް ނުވެ އެވެ. މި ހަމަނުޖެހުންތަކާ އެކު އައިއެސްގެ ހަނގުރާމަވެރިންގެ ގްރޫޕްތައް ލީބިއާ އަށް ވަދެ އެ މީހުންގެ ބާރުގަދަ ކުރަން ވަނީ ފަށައިފަ އެވެ.

ލީބިއާގައި ހަމަޖެހުން ގާއިމްކުރުމަށް އދ. އިން އިސްނަގައިގެން ވަނީ ވާހަކަތައް ބާއްވައިފައެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރު ތެރޭ އެގައުމުގައި ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ. މި އިންތިހާބުގައި މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.