އިސްރާއީލުން އެމީހުންގެ އަސްކަރީ ޓޭންކަރުތަކާއި އެކު ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލު ހިސޯރު ކޮށްގެން ތިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އަލް ޝިފާ ހޮސްޕިޓަލުގެ އަޑީގައި ހަމާސް ޖަމާއަތުން ކޮމާންޑު ސެންޓަރެއް ހިންގާ ކަމަށާއި، އެ ޖަމާއަތުން ހަތިޔާރު ގުދަން ކުރާ ކަމަށް ބުނެ، އިއްޔެ ފަތިހުގެ ވަގުތެއްގައި ޔަހޫދީ ސިފައިން ވަނީ ހޮސްޕިޓަލު ތެރެއަށް ވަދެގަނެ، ހޮސްޕިޓަލު ބަލައި ފާސް ކުރަން ފަށާފައެވެ.

އެތައް ސަތޭކަ ބަލިމީހުންނާއި، މަގުމަތިވެފައިވާ މީހުން ހިމާޔަތް ހޯދަމުން ދިޔަ ހޮސްޕިޓަލަށް ޔަހޫދީން ވަދެގަނެ، ބަލައި ފާސް ކުރުމަށްފަހު ބުނެފައިވަނީ ހަމާސް އިން ހޮސްޕިޓަލުގައި ގުދަން ކޮށްފައި ހުރި ހަތިޔާރު ފެނިފައިވާ ކަމަށެވެ. އަދި އެއަށްފަހު އެމީހުން ވަނީ ހޮސްޕިޓަލުން ފެނުނު ކަމަށް ބުނާ ހަތިޔާރުތަކުގެ ވީޑިއޯ އެއް އާންމު ކޮށްފައެވެ. އެހާ އަޑުގަދަ ކުރުމަށް ފަހު، އެތައް މަސައްކަތެއް ކުރުމަށް ފަހުވެސް ދުނިޔެއަށް ދައްކާނެ މާބޮޑު އެއްޗެއް އިސްރާއީލަކަށް ނުލިބުނެވެ. އިސްރާއީލުން އާންމު ކުރި ވީޑިއޯގައި ފެންނަނީ ދުވަސްވެފައިވާ އެސޯލްޓް ރައިފަލް ތަކަކާއި، މަދު ބުލެޓް ޕްރޫފް ވެސްޓް ތަކަކާއި، ތިން އަތު ބޮމާއި، ސީޑީ ތަކަކާއި، ލެޕްޓޮޕަކާއި، ދަބަހަކާއި، ކަދުރު ފޮށްޓަކާއި، ވަޅި ފަދަ ތަކެއްޗެވެ.

އަލް ޝިފާގެ އަޑީގައި ހަމާސް އިން ކޮމާންޑު ސެންޓަރެއް ހިންގާ ކަމަށް އިސްރާއީލުން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް، ކޮމާންޑު ސެންޓަރަކުން އެހާ މަދު އަދަދެއްގެ، މަދު ވައްތަރުގެ ހަތިޔާރު ފެނުމަކީ ބުއްދިއަށްވެސް ގަބޫލު ކުރަން ދަތި ކަމެކެވެ. އަދި އޭގެ އިތުރުން ޔަހޫދީން އަލް ޝިފާއަށް ވަދެގަނެފައިވަނީ ކުރިން އެންގުމަކާއި ނުލައި، ކުއްލި އަކަށްވެސް ނޫނެވެ. އެމީހުން ހޮސްޕިޓަލަށް ވަންނަން އުޅޭކަން ހަމާސް އަށާއި މުޅި ދުނިޔެއަށްވެސް އެނގެއެވެ. އަލް ޝިފާގައި ހަމާސް އިން އޮޕަރޭޓް ކުރަމުން ދާނަމަ، ޣައްޒާގެ ބިމުއަޑީގެ މަގުތަކުގެ ޒަރީއާއިން ހަތިޔާރުތައް ނެރެ، އެތަން ހުސްކުރަން ހަމާސް އަށް އެތައް ހަފްތާއެއް ލިބުނެވެ.

ދެން އުފެދޭ ސުވާލަކީ ޔަހޫދީން ދުނިޔެ އަށް އާންމު ކުރި ވަރަށް ވުރެ ގިނަ ތަކެތި އެމީހުންނަށް ފެނިފައި ވަނީތޯ އުުފެދޭ ސުވާލެވެ. އަދި އެހާތަނަށް ފެނުނީ “ގަނޑުފެންގަނޑުގެ ކޮޅު” ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައި ވެއެވެ. އެކަމަކު އެމީހުންނަށް މާ ގިނަ ތަކެތި ފެނުނު ނަމަ، އެ މަންޒަރު ދުނިޔެއަށް ދައްކަން އެމީހުން ބޭނުންވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެތައް ބަޔަކު ތިބި ހޮސްޕިޓަލަކަށް ހަމަލާ ދިނުމާއި ގުޅިގެން، މުޅި ދުނިޔެ އިސްރާއީލަށް ފާޑު ކިޔަމުން ދާއިރު، އެމީހުން އެތަނަށް ހަމަލާދިނުން ސައްހަ ކަން ދެއްކޭނެ ސަބަބެއް އޮތް ކަމަށްވާނަމަ އެކަން ފޮރުވަން އެމީހުން މަސައްކަތް ކުރަންވީ ކީއްކުރަން ހެއްޔެވެ؟

އަލް ޝިފާއިން ހަމާސްގެ ހަތިޔާރު ފެނުނު ކަމަށް ބުނެ އާންމު ކުރި ވީޑިއޯ ޑިލީޓް ކުރުމަށްފަހު އަލުން ޕޯސްޓު ކުރުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ. އެމީހުން އެ ވީޑިއޯ ޑިލީޓް ކުރީ ކީއްވެ ކަމެއް ޔަހޫދީ އަސްކަރިއްޔާއިން ހާމަކޮށްފައެއްވެސް ނުވެއެވެ. ފަހުން އެ ވީޑިއޯ އަލުން އާންމު ކުރިއިރު ވީޑިއޯގެ ބައެއް ބައިތައް ވަނީ ފުސްކޮށްފައެވެ.

ހަމާސް އިން ބުނެފައި ވަނީ އަލް ޝިފާ އިން ހަތިޔާރު ފެނުނު ކަމަށް އިސްރާއީލުން ކުރާ ތުހުމަތު ތަކަކީ ބުހުތާނު ދޮގުތަކެއް ކަމަށާއި، އެއީ އެމީހުންގެ މަކަރުވެރި ޕްރޮޕެންގެންޑާއެއް ކަމަށެވެ. ހަމާސް އިން ބުނެފައިވަނީ އިސްރާއީލުގެ ވީޑިއޯގައި ފެންނަ ތަކެއްޗަކީ އެމީހުން އަމިއްލައަށް ހޮސްޕިޓަލަށް ގެނެސްފައިވާ ތަކެތި ކަމަށެވެ. ޔަހޫދީންގެ މަގުސަދަކީ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތް ދޭ ސެންޓަރުތަކަށް ޕްރެޝަރު ކުރުން ކަމަށާއި، ޣައްޒާގެ އަބާދީ އެމީހުންގެ ބިމުން ފައްސާލުން ކަމަށްވެސް ހަމާސް އިން ބުނެފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އާންމު ކުރި އެޑިޓް ކޮށްފައިވާ ވީޑިއޯ ފެށޭތާ ފެންނަނީ އަސްކަރީ އުޅަނދަކާއި، ފޮށި ތަކަކާއި އާލާތްތަކެއް ހިފައިގެންދާ ޔަހޫދީ ސިފައިންތަކެކެވެ. އެމީހުން ގެންދާ ތަކެތީގެ ތެރޭގައި އިންކިއުބޭޓަރ އެއް ފާޑުގެ އެއްޗެއްވެސް ހިމެނެއެވެ. ޔަހޫދީން ސިފައިން ގެންދާ އެ ފޮށި ތަކުގައި ހުރީ ކޯއްޗެއް ކަމެއް ނޭނގެއެވެ. ނަމަވެސް ގިނަ ފޮށިތަކުގައި ހުރީ “ސިއްހީ ވަސީލަތްތައް” ކަމުގައި ލިޔެ ލޭބަލް ކޮށްފައެވެ. އަދި “ކުޑަކުދިންގެ ކާނާ” ކަމުގައި ލޭބަލް ކޮށްފައިވާ ފޮށްޓެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ. ޔަހޫދީން މި ފޮށިތައް ގެންދަނީ ހޮސްޕިޓަލު ތެރެއަށެވެ.

ޔަހޫދީން ބުނެފައި ވަނީ އެއީ އަލް ޝިފާ ހޮސްޕިޓަލަށް އެމީހުން ފޯރުކޮށްދިން އެހީ ކަމުގައެވެ. ފަލަސްތީނުގެ ރައްޔިތުން އަރަބި ބަހުން ވާހަކަ ދައްކާއިރު، އަދި ޔަހޫދީން ހިބުރޫ ބަހުން ވާހަކަ ދައްކާ އިރު، ޔަހޫދީން އެބުނާ “އެހީ ފޮށި” ތަކުގައި އިނގިރޭސި ބަހުން ލޭބަލް ކޮށްފައި ހުރީ ކީއްވެތޯވެސް ސުވާލު އުފެދެއެވެ. އެއީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ޔަހޫދީން ކުޅެފައިވާ ވީޑިއޯއެއްކަން ހާމަކޮށްދޭ ދަލީލެއް ކަމަށްވެސް ވެދާނެއެވެ. މި ފޮށިތަކުގައި ހުރީ އިސްރާއީލުގެ ނިރުބަވެރިން ހޮސްޕިޓަލު ތެރޭގައި ކުޅުނު ފިލްމަށް ބޭނުންވާ ހަތިޔާރާއި، އަންނައުނާއި، އަސްކަރީ އާލާތްތަކަށް ވުމީ ގާތް ކަމެކެވެ. ހޮސްޕިޓަލުގެ ވަށައިގެން ޔަހޫދީން ޝަހީދު ކޮށްފައިވާ އެތައް ބައެއްގެ ހަށިތައް ކުނިވަމުން ދާއިރު، އަދި މިހާރުވެސް ހޮސްޕިޓަލުގައި ތިބި ދުވަސް ނުފުރާ ވިހާފައި ތުއްތު ތުއްތު ކުދިންގެ ފުރާނައަށް ނުބެލި ބަޔަކު ކުއްލިއަކަށް އެ ހޮސްޕިޓަލަށް “އެހީގެ ފޮށިތަކެއް” ގެންނަންވީ ކީއްކުރަން ހެއްޔެވެ؟

އަލް ޝިފާ ހޮސްޕިޓަލުގެ ސާޖަރީ ޑިޕާޓްމެންޓުގެ ވެރިޔާ ޑރ މަރުވާން އަބޫ ސާދާ ބުނެފައިވަނީ ރެއިޑްގެ ތެރެއިން އިސްރާއީލުން ހޮސްޕިޓަލަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވާ ކަމަށެވެ. އެގޮތުން ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި ހުރި ސީޓީ މެޝިނާއި، އަލްޓްރާސައުންޑް މެޝިންތަކާއި، އެތަނުގެ ފަރުނީޗަރަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް މަރުވާން ބުންޏެވެ. ހޮސްޕިޓަލުގައި ތިބި ސިއްހީ އެހީތެރިން ބުނެފައިވަނީ ޔަހޫދީ ސިފައިން ވަނީ ހޮސްޕިޓަލުގައި ހިވާހިކަން ހޯދަމުން ދިޔަ އެތައް ބަޔަކު ހައްޔަރު ކޮށް، އަނިޔާވެސް ކޮށްފައި ކަމަށެވެ. ހަމާސް ގެ ކޮމާންޑް ސެންޓަރު ހޯދަން ދިޔަ ބަޔަކު އެތަނުގައި ތިބި ކުށެއް ނެތް އާންމުންނަށް އަނިޔާކޮށް، ހޮސްޕިޓަލުގެ ވަސީލަތްތަކަށް ގެއްލުން ދޭންވީ ކީއްކުރަން ހެއްޔެވެ؟

ޔަހޫދީން ބުލްޑޯޒަރުތަކާއި އެކުހޮސްޕިޓަލަށް ވަދެ، ތަންތަން ސުންނާފަތި ކޮށް، ބިން ކޮނެ ހަދަމުންދާއިރުވެސް، އަދި އެމީހުން އެބުނާ ހަމާސްގެ ކޮމާންޑު ސެންޓަރު ފެނިފައެއް ނުވެއެވެ. އަދި ހަމާސްގެ ބިމު އަޑީގެ މަގުތަކަށް ވަންނާނެ ދޮރެއްވެސް އެ ހޮސްޕިޓަލުން އެމީހުންނަށް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަަްްއރ15

    އެމީހުންގެ ނޭޝަނަލް ސްޕޯޓް ބާ ދޮގުހެދުމަކީ. އަހަރެން ހަމަ ހައިރާންވޭ އެމީހުން ދޮގުހަދާ ވަރުން. އެކަމަކު ބޮލެއްހުރިމީހަކައްވިއްޔާ އެބައިނގޭ ކިހިނެއްކަން މިވަނީ އަސްލު

    34
  2. Anonymous

    ބަނޑުގައި އޮތް ކުއްޖާއަށްވެސް ބެލުމެއްނުވާ ބަޔަކު ނުވިތާކަ ހަނގުރާމަ ފެށުނިއްސުރެހެން ކާނާއާއި ބޯފެނާ ހުރިހާ ވަޞީލަތްތަކަކުން މަޙްރޫމުކޮށްފައިވާއިރު، ބަނޑަށްޖައްސާ ޝަހީދުކޮށްލާ އަދި ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ރަޙުމެއްނެތް އަނިޔާވެރި ބަޔަކު އެހީގެ ސާމާނު ފޯރުކޮށްދިނީމޭ ބުނުމުން ޙައިރާންވާކަށް ނުޖެހެ އެއީ ރޯ ބުހުތާނު ދޮގެއްކަމާއިމެދު. އެއީ ކުޅެފައިވާ ޑްރާމާއެއްކަމާމެދު.