ފަލަސްތީނުގެ 39 މީހަކާއި އިސްރާއީލުގެ 13 މީހަކު މިނިވަންކޮށް ދޫކޮށްލައިފިއެވެ.

ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 39 މީހަކާއި ޢައްޒާގައި ހަމާސްގެ ހައްޔަރުގައި ތިބި ޔަހޫދީންގެ 13 މީހަކު ދޫކޮށްލާ އެ މީހުންގެ ގެޔަށް އަނބުރާ ދެވުމުންވަނީ މަރުހަބާ ކިޔައިފައެވެ.

ޣައްޒާއިން ވެސް ތައިލެންޑުގެ 10 މީހަކާއި ފިލިޕީންސް މީހަކު ދޫކޮށްލާފައި އިސްރާއީލުގައި އެބަތިއްބެވެ.
ހަތަރު ދުވަހުގެ އެއްބަސްވުމުގެ ދެވަނަ ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު ދޫކޮށްލަން ޖެހޭ އަސީރުންގެ ލިސްޓް މިހާރު ލިބިފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެއެވެ.

ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން، ޔަހޫދީ އިސްރާއީލުގެ ހަމަލާތަކާއި ކުރިމަތިލާން ނުޖެހި އިތުރު ރެއެއް ހޭދަކުރާއިރު، އަދިވެސް މި ހަނގުރާމަ ނިމޭނެ ދުވަހެއް ޔަގީނެއްނުވެއެވެ.

އޮކްޓޯބަރުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި 14،800 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއރު، އިސްރާއީލުގައި ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ އަދަދަކީ 1200އެވެ. މި ހަނގުރާމައިގައި އެންމެ ގިނައިން ޝަހީދުވެފައި ވަނީ ކުށެއްނެތް މައުސޫމް ކުދިންކަން ފާހަގަކޮށްލަންޖެހެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އިސްރާއީލުގެ ބެލުމުގެ ދަށުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 5،200 މީހުން ތިއްބެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާއަށް ފަހު ހައްޔަރުކުރި ފަލަސްތީނުގެ މީހުންގެ އަދަދު ވަަރަށް ބޮޑަށް މައްޗަށް ގޮސް އެ އަދަދު، 3،000 އަށް ވަނީ އަރައިފައެވެ.