ޗައިނާގައި ފެތުރެމުން އަންނަ ގޮތް ނޭނގޭ ބައްޔާ އެކުގައި އެ ގައުމުގެ އެކި ހިސާބުތަކުގައި ހާސްކަން ބޮޑުވެއްޖެއެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން ބުނީ މުޅި ގައުމުގައި ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް ބައްޔެއް ފެތުރެމުުންދާ ކަމަށާއި މިއީ ނޮވެލް ވައިރަހާ ގުޅުން ހުރި ބައްޔަކަށް ވެދާނެ ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ހެލްތު ކޮމިޝަންގެ ތަރުޖަމާނު މީ ފެންގް ވިދާޅުވީ އިންފްލުއެންޒާއަކީ ކޭސްތައް އިތުރުވުމުގެ މައިގަނޑު އެއް ސަބަބު ކަމަށެވެ. އަދި ރައިނޯވައިރަސް، މައިކޯޕްލާސްމާ ނިއުމޯނިއާ އަދި ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް ވެސް ދައުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭސް ފޯރުކޮށްދިނުން ކަށަވަރުކޮށްދީ ބޭސްފަރުވާއަށް އިތުރު ސަރަހައްދުތައް ހުޅުވާލަން ޖެހޭ ކަމަށް ފެންގް ވިދާޅުވިއެވެ.

ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރިގެން ކުޑަކުދިންނަށް ވަކިން ބޮޑަށް އަސަރު ކުރަމުން އަންނައިރު، ހާސްވެފައިވާ މައިންބަފައިން ބައެއް ފަހަރު ދަރިން ޑޮކްޓަރަށް ދައްކަން ގަޑިއިރުތަކެއް ވަންދެން މަޑުކުރާތަން ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި ބެއިޖިން ޗިލްޑްރަންސް ހޮސްޕިޓަލުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެންގީ އައުޓްޕޭޝަންޓް ވިޒިޓްތަކާއި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް މި ބަލި ފެތުރެން ދިމާވާ ސަބަބެއް ކަމަށް ބެލެވެނީ ޖަރާސީމެއްގެ ސަބަބުން ކަމަށެވެ.

މި ބަލި ގިނައިން ޖެހެނީ ކުޑަކުދިންނާއި މެދު އުމުރުފުރައިގެ ކުދިންނަށެވެ. އެ ބަލީގެ އަލާމާތެއް ކަމުގައި ސިއްހަތާ ބެހޭ އިދާރާއިން ބުނަނީ ކުޑަކުދިން ކެއްސާ ރޯގާ ވައްތަރުވުމެވެ. އޭގެ ސަބަބުން ކުޑަކުދިންނަށް ނިއުމޯނިޔާ ޖެހުން ފަސޭހަ ކަމަށާއި މިބަލިގެ އަލާމާތްތައް ހަފްތާތަކެއް ވަންދެން ދެމިގެންދާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ބަލި ޗައިނާގައި ފެތުރެމުން ދިޔަ ނަމަވެސް ރައްކާތެރިވުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބޭނުމެއް ނެތެވެ. އޭގެ ބަދަލުގައި މިބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅައި ފަރުދީ ޒިންމާ އަދާކުރުމަށް ޑަބްލިޔުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިދުވަސްކޮޅު ހަލުވިކަމާއެކު މި ބަލި ޗައިނާގެ އެކި ސަރަހައްދުތަކުން ފެންނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ދަތުރުފަތުރުކުރުމާއި މީހުން އެއްވެ އުޅޭ ސރަހައްދުތަކަށް ދިޔުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑް-19 އަކީވެސް މިގޮތަށް ޗައިނާއިން ފެތުރިގެން އައި ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާއިކްސީ

    ކޮބައި ރާއްޖޭގެ ހެލްތް މިނިސްޓްރީ އެންމެފަހުވަގުތު މީޑިއާއަށް އަރާފަ ފަޅޮލޭކިއަކަސް މިރައްޔިތުން މަޑަކުން ނުތިބޭނެ މިހާރަކު ބުނެލީ

    7
    1