އެމެރިކާގެ އުތުރުއިރުމަތީގައި އޮންނަ ވާމޮންޓް ސްޓޭޓްގައި ހޮނިހިރު ދުވަހުގެ ރޭ ދިން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ ތިން ކުއްޖަކަށް ދިން ހަމަލާގައި އެ މީހުންގެ ހާލު ސީރިއަސް ކަމަށް ހައްގުތަކާ ބެހޭ ޖަމާއަތް، ދަ އެރެބް އެމެރިކަން އެންޓި ޑިސްކްރިމިނޭޝަން ކޮމެޓީ (އޭޑީސީ) އިން ބުނެފިއެވެ.

އެ ހަމަލާ އަމާޒުވެ ސީރިއަސް ވެފައިވަނީ ހިޝާމް އަވަރްތާނީ، ކިނާން އަބްދުލް ހާމިދު އަދި ތަހުސީން އަހުމަދު އެވެ. އެމީހުން ކިޔަވަމުންދަނީ އެމެރިކާގެ ތަފާތު ތިން ޔުނިވާސިޓީއެއްގައެވެ. ތިން ދަރިވަރުންނަކީ ހުޅަނގު އައްސޭރީގެ ރާމަﷲ ފްރެންޑްސް ސްކޫލުން ޑިގްރީ ހާސިލްކޮށްފައިވާ ދަރިވަރުންނެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހާސްވެފައި މިވަނީ އަޅުގަނޑުމެންގެ ތިން ގްރެޖުއޭޓް ކުދިންނަށް ދާދި ފަހުން ދިން ހަމަލާއާ ގުޅިގެން،" އެ ތިން ކިޔެވި ހުޅަނގު އައްސޭރީގައި ހިފާފައިވާ ރަމަﷲ ފްރެންޑްސް ސްކޫލުން ފޭސްބުކްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އޭޑީސީ އިން ބުނާ ގޮތުގައި އޭގެ ތެރެއިން ދެ މީހަކު އިންޓެންސިވް ކެއާގައެވެ.

“އެމީހުން ދިރިތިބިކަން ޔަގީންވާއިރު، އެމީހުންގެ ހާލަތާ މެދު ޔަގީންކަމެއް ނެތް. އެ މީހުންނަށް ލިބުނު އަނިޔާތަކަށް ބަލާއިރު ހިޝާމްގެ ބުރަކައްޓަށް ވަނީ ބަޑިޖަހާފައި، ތަޙްސީންގެ މޭމައްޗަށް ބަޑިޖަހާފައިވާއިރު، ކިނާންއަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވޭ.".

މި ހަމަލާގެ ފަހަތުގައިވާ ސަބަބެއް އަދި ނޭނގެއެވެ. ބާލިންގޓަން ފުލުހުން މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ދީފައެއް ނުވެއެވެ.

އޭޑީސީގެ ޑިރެކްޓަރު އަބޭދު އަޔޫބް ވިދާޅުވިގޮތުގައި މި ހަމަލާގެ މައިގަނޑު މަފްސަދަކީ ބަދަލުހިފުމެވެ.

މިއީ އެ ނަފްރަތު އަނިޔާވެރި ގޮތަކަށް ބަދަލުވުމުގެ އަނެއް މިސާލު ކަމަށްވެސް ދަނީ ބުނަމުންނެވެ.

އެ ތިން މީހުންގެވެސް އާއިލާއިން ވަނީ "މިއީ ނަފްރަތުގެ ކުށެއްގެ ގޮތުގައި ބަލާ" މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިލްތިމާސްކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާގައި ފަލަސްތީނާ ދެކޮޅު ޝުއޫރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން ޣައްޒާ ސަރަހައްދަށް ބިމާއި ވައިގެ މަގުން ދިން ހަމަލާގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެބަޑިޖެހި ކަމަށް ވާނީ ނަފްސާނީ ބަލިމަޑުކަން ހުންނަ މީހެއް. ނުވަތަ ސައިކޮލޮޖިކަލީ ޑިސްޓާރބ މީހަކަށް. އާންމުކޮށް ވާގޮތް މިއީ

    22
    1
  2. ކަލޯ

    އެޓެމްޓިވް މާރޑާރ އަށް ބަލާފަ، މޯޓިވޭޝަންއަކީ ނަސްލެއް ނައްތާލުން ކަމަށް ކަނޑައެޅީމާ، ލިބޭ އަދަބު ބޮޑުވާނެ!