ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން ދިން ވަރުގަދަ ހަމަލާތަކަށް ފަހުގައި ފަލަސްތީނުގެ ރައްޔިތުން މިއަދު ތިބީ ނިކަމެތި ހާލަތެއްގައެވެ. ބޭކަރީތައް ފުނޑުފުނޑުވެފައިވާ އިރު، ސުޕަމާކެޓުތައް ހުރީ ހުހަށެވެ. ސާފު ބޯފެން ލިބޭނެ އެއްވެސް މަގެއް ނެތެވެ.

މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށް ގެންދާ ހަނގުރާމަ މެދުކަނޑާލާފައި އޮންނަތާ މިއަދަށް ވަނީ ހަފްތާއެއްވެފައެވެ. ހަނގުރާމަ މެދުކަނޑާލާފައި ވަނީ އިސްރާއީލާއި ހަމާސް އާ ދެމެދުގައި ގާއިމު ކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ބައެއް އަސީރުން މިނިވަން ކުރަން ޖެހޭ އިރު، އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް ރައްޔިތުން ވެސް މިނިވަން ކުރަން ޖެހެއެވެ.

މީގެއިތުރުން ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތައް މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށް ވެސް އެއްބަސްވެފައިވެއެވެ. ދެ ފަރާތުން އެގޮތަށް އެއްބަސްވި ނަމަވެސް، ޣައްޒާ ރައްޔިތުން އެންމެ ބޭނުންވާ ވަރަށް އިންސާނީ އެހީ އަދިވެސް ނުލިބޭ ކަމުގެ ޝަކުވާ އިންތިހާ އަށް ވަނީ ބޮޑުވެފައެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނި ގޮތުގައި ހަނގުރާމަ މެދުކަނޑާލި ފަހުން މިހާތަނަށް އައިއިރު ޣައްޒާ އަށް އެހީ ހިފައިގެން ވަދެފައި ވަނީ ވަރަށް މަދު އަދަދެއްގެ ޓްރަކްތަކެކެވެ. އެކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ބޭނުންތައް އެންމެ އެދެވޭ ގޮތެއްގައި ފުއްދިފައި ނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.

"ދުވާލަކު 1،000 އެހީގެ ޓްރަކްތައް ޣައްޒާ އަށް ވަންނަން ޖެހޭ،" ޣައްޒާގެ މީޑީއާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބޭކަރީތަކާއި ސުޕަމާކެޓްތަކުގައި އެއްވެސް އެއްޗެއް ނެތުމާއި ސާފު ބޯ ފެން ނުލިބުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ހައިހޫނު ކަމެއްގައި ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުންޏެވެ.

"ޣައްޒާގައި ތިބި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ ޣައްޒާގެ އުތުރު ސަރަހައްދުތަކުގައި ތިބި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް." ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލްތަކާއި އަނިޔާވެފައި ތިބި މީހުންގެ ހިމާޔަތުގައި ޖަމިއްޔާތަކުން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމުގައި އެ އޮފީހުން ބުނެފައިވެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ޣައްޒާ އިން 15،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 7،000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެއްލިފައެވެ. ބެލެވޭ ގޮތުގައި އެމީހުން ތިބީ އިމާރާތްތަކުގެ ދަށުގައެވެ. އަދި ޣައްޒާގެ 35 ހޮސްޕިޓަލްގެ ތެރެއިން 26 ހޮސްޕިޓަލްގެ ހިދުމަތް ވަނީ ހުއްޓިފައެވެ.