ނިރުބަވެރި އިސްރާއީލުން މިއަދު އެކަނި ޣައްޒާގެ 61 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ނިރުބަވެރިން ޣައްޒާގެ ގިނަ ބަޔަކު މިއަދު ޝަހީދު ކޮށްލާފައިވަނީ ހަމާސް ޖަމާއަތާއި ނިރުބަވެރިންނާއި ދެމެދު އެކުލަވާލި ހަނގުރާމަ މެދުކަނޑާލާއި، ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުން ހަމަވުމާއި އެކީގައިކަން ފާހަގަ ކޮށްލެވެއެވެ. މިއެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ ފަލަސްތީނުގެ ގަޑިން ހެނދުނު 7:00 ގައެވެ. އެއީ ރާއްޖެ ގަޑިން ހެނދުނު 10:00 އެވެ.

އެގޮތުން މިއަދު ހެނދުނުން ފެށިގެން ނިރުބަވެރިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުން އަންނައިރު، މިހާތަނަށް މި ހަމަލާތަކުގައި ޣައްޒާގެ 61 މީހަކު ޝަހީދުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެއްބަސްވުން ނިމުމާއެކު ނިރުބަވެރިން ވަނީ ހަމާސް އާއި ދެކޮޅަށް އަނެއްކާ ވެސް ހަނގުރާމަ ފަށާފައިވާކަން އިއުލާނު ކޮށްފައެވެ. މިހަނގުރާމަ ފަށައި، އާންމުން ދިރިއުޅޭ ގިނަ ގެތަކަށް ބޮމުގެ ހަމަލާތައްދީ، ސުންނާފަތި ކޮށްލާފައިވާއިރު، މިއަދުގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި މިހަނގުރާމައިގެ ތެރެއިން މިހާތަނަށް ޣައްޒާގެ 14،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް މީޑީއާ ރިޕޯޓްތަކުން ބުނެއެވެ.