ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން މިއަދު އެކަނި ފަލަސްތީނުގެ 178 މީހަކު ޝަހީދުކޮށްލައިފިއެވެ.

ނިރުބަވެރިން މިއަދު ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދޭން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު ނިރުބަވެރިންނާއި ހަމާސް ޖަމާއަތާއި ދެމެދު ހެދި ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުން މިއަދަށް ހަމަވުމާއި އެކީއެވެ.

މިއެއްބަސްވުން ޣައްޒާ ގަޑިން މިއަދު ހެނދުނު 7:00 ގައި ހަމަވުމާއި އެކީ ނިރުބަވެރިން ވަނީ މުޖާހިދުންނާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ އެކި ސަރަހައްދުތަކަށް ދީފައެވެ. އެގޮތުން ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދު ހިމެނޭހެން އާންމުން ދިރިއުޅޭ ގިނަ ގެތަކަށް ވަނީ ހަމަލާތައް ދީފައެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ، މިއަދުގެ ހެނދުނު ނިރުބަވެރިން ދިން ހަމަލާގައި މިހާތަނަށް ފަލަސްތީނުގެ 178 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި 589 މީހަކަށް މިހާތަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އާންމު ކުރި ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ތުއްތު ކުދިންނެވެ.

ނިރުބަވެރިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުން އަންނައިރު، ޣައްޒާގެ ހޮސްޕިޓަލްތައް ތޮއްޖެހި، ފަރުވާ ހޯދަންދާ ގިނަ ބަޔަކަށް އެނދެއް ނުލިބި ބިންމަތީގައި ތިބޭ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މިހާރު ވަނީ އާންމުވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން މިހާތަނަށް ޣައްޒާގެ 14،000 އަށްވުރެ ގިނަ މީހަކު ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބ

    އިޒުރޭލް ޒަޔަނިސްޓުން ބަލިކުރައްވާ ނެތިކުރައްވާށި. އާމީން

  2. ސަރަފަކައްދަ

    އިސްލާމީ ބޮޑެތި ޤައުމު ތަކޭ ކިޔާ ކޮންމެ ޤައުމެއްގެ ވެރިއަކަށް ޔޫރަޕްގެ އަންހެން ކުއްޖަކާއި ބަނގުރާ ފުޅިއެއް ދިނީމާ އެވެރިންގެ ލޮލަކަށް މި ހަނގުރާމައެއް ނުފެންނާނެ.