ނިރުބަވެރި އިސްރާއީލުން ޣައްޒާގައި އިތުރު ނޫސްވެރިއަކު ޝަހީދު ކޮށްލައިފިއެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝަހީދު ކޮށްލާފައިވަނީ ޣައްޒާގެ ބުރީޖް ކޭމްޕުގައި ހަރަކާތްތެރިވަމުން ދިޔަ ޚާމިސް ހުސެއިން ނަމަކަށް ކިޔާ ނޫސްވެރިއެކެވެ. އޭނާ ޝަހީދު ކޮށްލާފައިވާކަން މީޑިއާތަކުން ކަށަވަރުކޮށްދިން ނަަމަވެސް އޭނާ އަކީ ކޮން ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިއެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މިއާއި އެކީ ނިރުބަވެރިންގެ ހަމަލާތަކުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޝަހީދުވި ނޫސްވެރިންގެ އަދަދު ވަނީ 88 އަށް އަރާފައެވެ.

ޚާމިސް ހުސެއިން ޝަހީދު ކޮށްލާފައިވާއިރު، މީގެ ދެ ދުވަސް ކުރިން ވެސް ނިރުބަވެރިން ވަނީ ނޫސްވެރިއަކު ޝަހީދު ކޮށްލާފައެވެ. އަދި މިއަދު ދިން ހަމަލާތަކުގައި އަލްޖަޒީރާގެ ނޫސްވެރިއަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. މި އަނިޔާތަކަށް ގިނަ ވަގުތުވަންދެން އޭނާއަށް ފަރުވާ ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް އޭގެ އެތައް ގަޑިއިރެއް ފަހުން އޭނާ އޮތް ސަރަހައްދަށް އެމްބިއުލާންސަށް ދެވި ފަރުވާ ދޭން ފަށާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ނިރުބަވެރިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 18،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދު ވަނީ 50،000 އަށްވުރެ މައްޗަށް އަރާފައެވެ.