ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އުދުވާން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށް އަޔަލޭންޑް ގެ ބޮޑުވަޒީރު ލިއޯ ވަރަދްކަރ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާ އާއި ވާހަކަ ދައްކަވަމުން ލިއޯ ވިދާޅުވީ މިހާރު ހިންގަމުން މިދާ ހަމަނުޖެހުންތަކަށް ބީރު ކަންފަތެއް ދީގެން ނުތިބެވޭނެ ކަމަށާއި، މެދުއިރުމަތީގައި ސުލްހަ ގާއިމު ވާނީ ފަލަސްތީނުގެ ވަކި ދައުލަތެއް އެ ބިމުގައި އުފެދި، އިސްރާއީލުން ހިފަހައްޓާފައިވާ އިންސާނީ ހައްގުތައް ދޫކޮށްގެން ކަމަށެވެ.

"އެންމެ ފަހުން އދ ގައި ނެގި ވޯޓުގައި ޔޫރަޕުގެ ގިނަ ގައުމުތަކެއް މި ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރަށް ތާއީދު ކޮށްފަ. މިއީ ސުލްހައިގެ މަގަށް ދެ ގައުމު އަބުރާ ގެންދަން ރަނގަޅު ފެށުމެއް. ފަލަސްތީނުގެ ވަކި ދައުލަތެއް އޮންނަން ޖެހޭ، އެހެންނޫނީ ފުރިހަމަ ސުލްހައެއް ލިބިގެން ނުދާނެ." ބޮޑުވަޒީރު ލިއޯ ވިދާޅުވިއެވެ.

މެދުއިރުމަތީގެ މައްސަލަތަކުގައި ޔޫރަޕުގެ ގައުމުތައް ގެންގުޅެނީ ހަރުދަނާ ސިޔާސަތެއް ނޫން ކަން މިހާރު ދުނިޔެ ޤަބޫލުކޮށްފި ކަމަށާއި، އެހެންކަމުން މި ތަސައްވުރު ބަދަލުކޮށް، މި މައްސަލައިގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެން މިހާރު ލާޒިމް ވެއްޖެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. މައްސަލަތަކަށް ހައްލު ހޯދޭނީ ހުރިހާ ގައުމަކުން ވެސް އެއްގަލަަކަށް އަރައިގެން މަޝްވަރާކޮށްގެން ކަމަށާއި، މިހާރު އެންމެ މުހިންމީ އިސްރާއީލުން ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވީހާވެސް އަވަހަކަށް ހުއްޓުވުން ކަމަށް ބޮޑުވަޒީރު ލިއޯ ވަނީ ވިދާޅުވެފައެވެ.

ހަނގުރާމަ ފެށުނީއްސުރެ އަޔަލެންޑުން ދަނީ އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތައް ފާޅުގައި ކުށްވެރިކޮށް، ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހު ހަނގުރާމަ ފެށި ފަހުން ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 19،000 އާއި ގާތް ކުރެއެވެ