ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ވަރުގަދަ ކެންޑިޑޭޓަކަށް ވަޅިން ހަމަލާ ދީފިއެވެ. ކެމްޕޭން ރެލީއެއްގެ ތެރެއިން މި ކެންޑިޑޭޓަށް ހަމަލާ ދީފައިވީނަމަވެސް، އޭނާ މަރުވެފައި ނުވެއެވެ. އެހެންނަމަވެސް، އޭނާއަށް ސީރިޔަސް ޒަޚަމްތަކެއް ލިބިފައިވެއެވެ.

އެޤައުމުގެ ކަނާތު ފިޔައިގެ ޕާޓީ އަކަށް ނިސްބަތްވާ ޖެއަރ ބޮލްސޮނާރޯ، 63 އަށް ހަމަލާ ދީފައިވަނީ އެޤައުމުގެ ޖުއިޒް ޑި ފޮރާ ސިޓީގައެވެ. އަދި، އޭނާއަކީ އެޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ތެރެއިންވެސް، އެންމެ ތާއީދު ބޮޑު ކެންޑިޑޭޓްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހަމަލާ ދިނުމާއެކު، ހޮސްޕިޓަލަށް ގެންދިއުމަށްފަހު ޖެއަރ ގެ އިމަޖެންސީ އޮޕަރޭޝަނެއްވަނީ ކޮށްފައެވެ. އޭނާފެ ބަނޑަށް ވަޅި ހަރާލާފައިވާއިރު، ހޮސްޕިޓަލަށް ގެންގޮސް ކޮށްފައިވަނީ ބަނޑުގެ އޮޕަރޭޝަނެކެވެ.

އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ހާމަކޮށްފައިވާ ގޮތުގައި، އޭނާއަށް ލިބުނު ޒަޚަމް އެއްކޮށް ފަސޭހަވުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ނަގާނެކަމަށް ބެލެވެއެވެ. އަދި، މަދުވެގެން އެއް ހަފްތާ ދުވަހު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ބާއްވަން ޖެހޭނެކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

ޖެއަރ އަށް ޙަމަލާ ދިން ވަގުތު ނަގާފައިވާ ބައެއް ވީޑިޔޯތައްވެސް މީސް މީޑިޔާގައި އާއްމުވެފައެވެ. އެގޮތުން، އާއްމުވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުން، އޭނާއަށް ހަމަލާ ދިން ވަގުތު، އޭނާ ދިޔައީ ރިޔާސީ ވައުދެއް ވަމުންނެވެ. އަދި، އެވައުދަކީ، އެޤައުމުގައި ހިންގަމުން އަންނަ ކުށްތައް މަދުކުރުމަށް މަސައްކަތް ކުރުމެވެ. ބްރެޒިލް އަކީ ރޭވިގެން ދޭ އަދި އެނޫންވެސް ބޮޑެތި ކުށްތައް، ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ބޮޑު އެއް ޤައުމެވެ.

މީޑިޔާތަކުން އާއްމުކޮށްފައިވާ ގޮތުގައި މި ހަމަލާ ދިން މީހާވަނީ ވަގުތުން ހައްޔަރުކޮށްފައެވެ. އޭނާގެ ނަމަކީ، އެޑޭލިއޯ ބިސްޕޯ ޑި އޮލިވެއިރާ ކަމަށްވެސް އެފަރާތްތަކުން އާއްމުކޮށްފައިވެއެވެ.