މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އޮޕަރޭޝަން "ޔުކްތިޔާ" އާ ގުޅިގެން ހާހަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. މިއާ އެކު، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށްދާ އޮޕަރޭޝަންގައި މިހާތަނަށް އައިއިރު، 30،000 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެއެވެ.

މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން ބުނި ގޮތުގައި ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގި އޮޕަރޭޝަންގައި ރޭ ދަންވަރު 12:30 އާ ހަމައަށް ހައްޔަރު ކުރި މީހުންގެ އަދަދު 1،024 އަށް އަރައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ 227 ގްރާމް ހެރޮއިން އާއި 168 ގްރާމް އައިސް އާއި ޕާޓީ ޑްރަގްސްގެ ގޮތުގައި 647 ގުޅަ ފެނިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އޭގެ ތެރެއިން ބައެއް މީހުން ރިހެބިލިޓޭޝަން ސެންޓަރަށް ފޮނުވާލާފައިވާ ކަމަށެވެ.

ސްރީލަންކާގައި އަންޑަވޯލްޑް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ހަރަކާތްތައް ހުއްޓުވުމަށް މުޅި ގައުމުގައި ސްޕެޝަލް އޮޕަރޭޝަން "ޔުކްތިޔާ" ނަމުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ މަހުގެ 17 ގައެވެ.

މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް ހޯދާފައިވާ މުދަލާއި އަންޑަވޯލްޑް ލީޑަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ މިހާތަނަށް ފުލުހުން ވަނީ އަތުލައިގެންފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގާނޫނާ ހިލާފަށް ހޯދާފައިވާ 558.5 މިލިއަން ރުފިޔާގެ މުދާ ވެސް ދައުލަތަށް ވަނީ ނަގައިފައެވެ. މި އޮޕަރޭޝަންގައި 858 މިލިއަން ރުޕީސްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި މައްސަލަތަކުގައި ހައްޔަރު ކުރި 1،000 އަށް ވުރެ ގިނަ މީހުން ވަނީ އަސްކަރިއްޔާއިން ހިންގާ ފެސިލިޓީއެއްގައި ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވާން މަޖުބޫރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު