ސިއްހަތަށް ގެއްލުންވާ ވަރަށް ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސްރީލަންކާގެ އެންވަޔަރަމަންޓަލް އޮތޯރިޓީން މިއަދު ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ބުނީ ސިއްހަތަށް ގެއްލުންވާ ވަރަށް ވައި ނުސާފުވެފައި ވަނީ ވެރިރަށް ކޮލަމްބޯ އަދި ގޯލް، ކުރުނެގަލާ އަދި ގަމްޕަހާ ސަރަހައްދުގައި ކަމަށެވެ. އަދި ސިއްހީ މައްސަލަތައް ހުރި މީހުންނަށް ނުރައްކާ ވާނީ އަނުރަދަޕުރާ، ކޭންޑީ، ނެގޮމްބޯ، މިރިހަނާ އަދި ބަންޑަރަވެލާ ސަރަހައްދުގަ ކަމަށް ވެސް ބުނެފައިވެއެވެ.

ސެންޓްރަލް އެންވަޔަރަމަންޓް އޮތޯރިޓީން ވަނީ ލަންކާގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ވެސް މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު އަވަށްޓެރި ގައުމުތަކަށް ވެސް އަންނަނީ ކުރަމުންނެވެ. ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް މިހާރު ވެސް ދަނީ ކުރަމުންނެވެ. އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް މިދިޔަ އަހަރު ވެސް ކުރިއެވެ. މި އަހަރު ވެސް އުތުރު އިންޑިއާގައި މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ވައި ނުސާފުވެ ދަތުރުފަތުރަށް ވެސް ހުރަސްއެޅިފައެވެ.

ވައި ތަޣައްޔަރުވެފައި ހުރުމުން އިންސާނުންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކޮށް ބަލި ގޯސްވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން ކޮންމެހެން ދާންޖެހޭ ތަނަކަށް ނޫނީ ނުދިޔުމަށާއި ދަތުރުފަތުރުކުރާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަންގައެވެ.

ނުސާފު ވައިން ރައްކާތެރިވުމަށް އެޗްޕީއޭގެ އިލްތިމާސް

    • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
    • ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުން
    • ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުން
    • ތުއްތު ކުދިން ބޭރަށް ނުނެރުން
    • ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
    • ކަސްރަތުކުމާއި ކުޅިވަރު ކުޅުންފަދަ ކަންކަން މަޑުޖައްސާލުން

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންޑިއާއިން ވިހަ ގޭހާއި ވިހަ ހަތިޔާރު ބޭނުންކުރާތީ މި ސަރަހައްދުގެ ޖައްވު ގޯސްވަނީ.