ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސްގެ މުޖާހިދުންނަށް ޖާސޫސްކޮށްދޭ ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލާފައިވާ ކަމަށް ބުނެ، އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަސްކަރިއްޔާގެ ނިރުބަވެރި ސިފައިން އެ ވާހަކަ "މޮޅު"ކޮށްގެން ދައްކަން ފަށައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އެމީހާ ޝަހީދުކޮށްލާފައި ވަނީ ފަލަސްތީނުގެ ޣައްޒާގެ ދެކުނަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ. ހަމާސް އަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތު ކުރެވޭ މި މީހާއާ އެކުގައި އިތުރު ފަސް މީހަކު ވެސް ޝަހީދުކޮށްލާފައި ވާނެ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ޝަހީދުކޮށްލި މީހުންގެ ތެރެއިން ހަމާސް އަށް އެކިއެކި މައުލޫމާތު ފޯރުކޮށްދޭ ކަމުގެ ތުހުމަތު ކުރެވެނީ ބިލާލް ނޯފަލް ނަމަކަށް ކިޔާ ފަލަސްތީންގެ ފިރިހެނެކެވެ. އިސްރާއީލުން ބުނާ ގޮތުގައި ބިލާލް ޝަހީދުކޮށްލެވުމަކީ ހަމާސްގެ ބާރު ދަށްކޮށްލުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ. ބިލާލްއަކީ ހަމާސް އަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެކަކު ކަމުގައި އިސްރާއީލުން ބުނެއެވެ.

އޭގެއިތުރުން އިސްރާއީލުން ބުނެފައި ވަނީ ޣައްޒާގެ ދެކުނުން އޮންނަ ހާން ޔޫނުސްގައި އިތުރު ތިން މުޖާހިދަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި ޣައްޒާގެ މެދުތެރޭގައި ދިން ވައިގެ ހަމަލާއެއްގައި ވެސް ދެ މުޖާހިދަކު ޝަހީދުކޮށްލާފައިވާނެ ކަމަށް އިސްރާއީލް ސިފައިން ބުނެފައިވެއެވެ.

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ އަށް ބޮން އަޅައި، އެއްގަމު މަގުން އަރައިގަތީ ހަމާސް އިން މި މަހުގެ 7 ވަނަ ދުވަހު ދިން ކުއްލި ހަމަލައާ ގުޅިގެންނެވެ. އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސްގެ މުޖާހިދުން އަރައި 1،200 މީހުން މަރާލިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ހަމަލާ ދޭން ޖެހުނީ ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއް ނެތި ދެމުން އަންނަ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މަސްޖިދުލް އަޣްސާގެ ހުރުމަތް ކަނޑާލުމާއި ފަލަސްތީނުގެ ރައްޔިތުން ކުށެއް ނެތި ހައްޔަރު ކުރުމަކީ ހަމާސް އަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ.

އިސްރާއީލުން މިހާރު ވަނީ ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން ހަނގުރާމަ ކުރަމުންދާ އިރު، އެއްގަމު މަގުން އަރައިގެން އިސްރާއީލްގެ އަސްކަރިއްޔާ އަށް ލިބޭ ގެއްލުން ވަރަށް ބޮޑެެވެ. އެގޮތުން މިހާތަނަށް އައިއިރު އޮކްޓޯބަރު 7 ގެ ފަހުން ޖުމްލަ 500 އަށް ވުރެ ގިނަ ސިފައިން މަރާލައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އަދި ހަމައެކަނި ޣައްޒާގެ ތެރޭގައި ހިނގަމުންދާ ހަނގުރާމައިގައި ވެސް 200 އާ ގާތް ކުރާ އަދަދަކަށް ސިފައިން ވަނީ މަރާލައިފައެވެ.